އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑެތި މީސް މީޑިއާ އެކައުންޓްތައް ބޭނުން ކުރުމުގައި އަޅާފައިވާ ދަތިކުުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެ، އޭނާ ބޭނުން އެއްޗެއް ޕޯސްޓް ކުރެވޭ ގޮތައް އަމިއްލައަށް އުފައްދާ މީސް މީޑިއާ ޕްލެޓްފޯމްގެ މައުލޫމާތު ހާމަކޮށްފިއެވެ.

އަންނަ އަހަރުގެ ކުރީކޮޅު އާއްމުކޮށް ހުޅުވާލާ ވެބްސައިޓަށް ދީފައިވާ ނަމަކީ "ސޯޝަލް ޓްރޫތު" އެވެ.

ހަމަނުޖެހުންތަކަށް ހިތްވަރުދިނުމާއި، ކަނޑައެޅިގެން ދޮގުކަން އެނގޭ މައުލޫމާތުތައް ހާމަކުރާތީ ފޭސްބުކް އާއި ޓްވިޓާ އިން ވަނީ ޓްރަމްޕްގެ އެކައުންޓްތައް ބްލޮކް ކޮށްފައެވެ. އެހެންކަމުން އެންމެ ގިނަ ބަޔަކު ބޭނުން ކުރާ މީސް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް އާއްމުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތެއް ޓްރަމްޕް އަކަށް ނެތެވެ.

ޓްރަމްޕް މީސް މީޑިއާ ވެބްސައިޓެއް ހަދަން މަސައްކަތް ކުރާ ކަމުގެ އަޑުތައް މިދިޔަ އަހަރުން ފެށިގެން އަންނަނީ އިވެމުންނެވެ. އެކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ޓްރަމްޕް ރޭ ނެރުނު ބަޔާނެއްގައި ބުނީ އޭނާ ކަންކަމާއި މެދު ދެކޭގޮތް އަލަށް ފަށާ މީސް މީޑިއާ ވެބްސައިޓް މެދުވެރިކޮށް ހާމަކޮށްދެމުން ގެންދެވޭނެ ކަމަށެވެ.

މިވެބްސައިޓްގެ ބީޓާ ވާޝަންއެއް އަންނަ ނޮވެމްބަރ މަހު ލޯންޗް ކުރާނެއެވެ. ވެބްސައިޓް ފުރަތަމަ ބޭނުން ކުރެވޭނީ ވެބްސައިޓްގައި ރަޖިސްޓްރީ ވުމަށް ދައުވަތު ލިބޭ ފަރާތްތަކަށް އެކަންޏެވެ. އާއްމުކޮށް ކޮންމެ މީހަކަށް ވެސް ވެބްސައިޓް ބޭނުން ކުރުމުގެ ފުރުސަތު ލިބިގެން ދާނީ އަންނަ އަހަރު އެވެ. މިވެބްސައިޓް ހިންގުމަށް ހަމަޖެހިފައި ވަނީ ޓްރަމްޕްގެ ކުންފުންޏެއް ކަމަށްވާ ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް ކިޔާ ކުންފުންޏަކުންނެވެ.

2020 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުން ޓްރަމްޕް ބަލިވި ނަމަވެސް އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕް ވާދަކުރާނެ ކަމަށް ވަރަށް ބޮޑަށް ލަފާކުރެވެއެވެ. ޓްރަމްޕް މިހާރު ވެސް އަންނަނީ ރިޕަބްލިކަން ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެއްޔާ

    ޓްރަންޕަކީ އިސްލާމީ ޤައުމަކާ ހަނގުރާމަ ނުކޮށް ވެރިކަން ނިންމާލި ވެރިއެއް..

    1
    3
  2. ޒަހްފާން

    މިހާރު ހަމައެކަނި ޕްރީ އޯޑާ ކުރެވެނީ! ހަމަ ޓްވިޓާ ކޮޕީ ކޮށްފަ