މުޙިއްމު ރޯލުތަކުން ކަރީނާ ކަޕޫރު އާއި ސޯނަމް ކަޕޫރު އަދި ސްވާރާ ބާސްކަރު ފެނިގެންދިޔަ "ވީރޭ ދީ ވެޑިންގ" އަށް އެތައް ބައެއްގެ މަޤުބޫލުކަން ލިބިގެން ދިޔައެވެ. އާއްމު ބެލުންތެރިންނާއި ފިލްމަށް ފާޑު ކިޔާ ކްރިޓިކުންގެ ފަރާތުންވެސް އެތައް ތަރުޙީބެއް ފިލްމަށް ލިބިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، ފިލްމުގެ ވިޔަފާރިވެސް ފުދޭ ވަރަކަށް ރަނގަޅުވިއެވެ.

ވީރޭ ދީ ވެޑިން އަށް ލިބުނު ކާމިޔާބާ ގުޅިގެން، އެ ފިލްމުގެ ސީކުއެލް އެއްގެ ގޮތަށް، ދެވަނަ ބައެއް ނެރުމަށް ފިލްމުގެ ޕްރޮޑިއުސަރުން ނިންމާފައިވެއެވެ. މިކަން އިޢުލާން ކުރުމާ ގުޅިގެން، އެތައް ބަޔަކު ވަނީ އުފާ ފާޅުކޮށްފައެވެ. ހަމައެހެންމެ، ފުރަތަމަ ބައިން ފެނުނު ތަރިން، ދެވަނަ ބައިގައި ހިމެނުމަށްވެސް ގިނަ ބަޔަކު، ޕްރޮޑިއުސަރުންގެ ފަރާތުން އެދިފައިވެއެވެ.

މިކަމާ ގުޅިގެން ޕްރޮޑިއުސަރުން ބުނެފައިވަނީ، ފިލްމުގައި ސޯނަމް ކަޕޫރާއި ސްވާރާ ބާސްކަރު އަދާކުރި ރޯލުން ފެނިގެންދާނީ ހަމަ އެ ތަރިން ކަމުގައެވެ. އެހެންނަމަވެސް، އެރޯލުން ކަރީނާ ކަޕޫރު ފެނިގެންދާނެ ކަމެއް ނުވަތަ ނޫން ކަމެއްވެސް އާއްމުކޮށްފައި ނުވެއެވެ. މިކަމާ ގުޅިގެން، ކަރީނާގެ ބައެއް ފޭނުން ވަނީ އެކި މަންސަ (ޕްލެޓްފޯމް) ތަކުގައި ސުވާލުވެސް އުފައްދާފައެވެ.

"ޓައިމްސް އޮފް އިންޑިޔާ" ނޫހުން މިއަދު ބުނެފައިވާ ގޮތުގައި މި ފިލްމުން ކަރީނާ ފެންނާނެކަން ނުވަތަ ނޫންކަން އޮތީ ވަރަށް ބޮޑު ސުވާލެއްގެ ތެރޭގައެވެ. އެނޫހުން، މަސްދަރަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި މި ފިލްމުގައި ރޯލެއް އަދާކުރުމަށް، ކަރީނާގެ ފަރާތުން އަދި އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ. އަދި، އެކަން ހާމަވިހާ އަވަހަކަށް އާއްމުކުރާނެކަމަށް، އެ މަސްދަރާ ހަވާލާދީ ބުނެފައިވެއެވެ.