އިންޑިއާގެ އުއްތުރަޕްރަދޭޝްގެ ފުލުހަކު ލައިސަންސް އޮތްތޯ ބެލުމަށް ކާރު މަޑުކުރުވުމުން ފުލުސް މީހާ "ކިޑްނެޕް"ކޮށްްފިއެވެ.

ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޑިއުޓީގައި ހުރި ފުލުސް މީހާ ކިޑްނެޕްކޮށްފައި ވަނީ ސާޗިން ރަވާލް ނަމަކަށް ކިޔާ 29 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ކާރުގައި ލިޔެކިޔުންތައް ހަމައަށް ހުރިތޯ ބެލުމަށް ފުލުސްމީހާ ދިއުމުން ކާރަށް އެރުމަށް ފުލުސްމީހާ ކައިރީގައި ބުނެ ފުލުސްމީހާ ބަނދެފައިވާ ކަމަށްވެއެވެ.

ފުލުހުން މި ކާރު ބަލާ ފާސްކުރުމަށް އެދުނީ އެއީ ވަގަށް ނަގާފައިވާ ކާރެއް ކަމަށް ޝައްކު ކުރެވިގެން ކަމަށް ފުލުހުން ބުނެއެވެ. އަދި ކާރަށް ފުލުސްމީހާ އަރުވައިގެން ރަވާލް ވަނީ ދިހަ ކިލޯމީޓަރަށް ދުއްވައިފައެވެ.

ގަދަކަމުން ފުލުސްމީހާ ކާރުގައި ބަހައްޓައިގެން ދުއްވުމަށްފަހު ދުރުގައި ހުރި ފުލުހުންގެ މަރުކަޒަކަށް އެ މީހާ ވަނީ ބާލުވައިފައެވެ.

ރަވާލް ވަގަށް ނަގާފައިވާ ކާރުގައި އޭނާ ހަރުކޮށްގެން ދިޔައީ އެހެން މީހެއްގެ ކާރު ނަންބަރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާ ވަގަށް ނަގާފައިވާ ކާރަކީ ގުރްގައޮންގެ ޝޯރޫމަކުން ކާރުދުއްވަން ދަސްކުރަން ކަމަށް ބުނެ އޮޅުވާލައިގެން މީގެ ދެ އަހަރުކުރިން ވަގަށް ނަގާފައިވާ ކާރެއް ކަމަށް ފުލުހުން ބުނެއެވެ.

ރާވަލް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އޭނާގެ މައްޗަށް ފުލުހަކު ގަދަކަމުން ގެންގުޅުނު ކަމުގެ ދައުވާ އާއި ވަގަށް ކާރެއް ނެގި ކަމުގެ ދައުވާ ވަނީ ކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު