ނިއުޒިލޭންޑުގެ އެންމެ ހަގު އަދި އެންމެ މަގްބޫލު ބޮޑުވަޒީރު ޖަސިންޑާ އާޑެން ނޫސްވެރިންނާއި ބައްދަލު ކުރައްވަމުން ދިޔަ ވަގުތުގައި އައި ބިންހެލުމެއްގައި އެކަމަނާވެސް ކުޑަ ވަގުތުކޮޅަކަށް ހުއްޓުން އެރިއެވެ. އެކަމަނާ އެވަގުތު ގެންދެވީ ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވަމުންނެވެ.

5.9 މެގްނިޓިއުޑްގެ ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ މެދުތެރޭ އުތުރު އައިލެންޑުގެ ތައުމާރޫނުއީގެ ހުޅަނގު ދެކުނުން 35 ކިލޯމީޓަރު ދުރަށެވެ.

މި ބިނެހްލުމާއެކު ވެލިންގްޓަން އާއި ކައިރި ސަރަހައްދުތަކަށް ގުޑުން އަރައިގެން ދިޔައެވެ.

މި ހާދިސާގައި ގުޑުގުޑު ގުޑުގުޑު އަޅަމުން ދިޔަ ކަމުގެ އިހުސާސް ކުރެވުނު ކަމަށް ގިނަބަޔަކު ބުނާއިރު، އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް ލިބިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ވަނީ މެގްނިޓިއުޑް 5.6 އަށް ތިރިކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި ބިންހެލުން ވަގުތު ބޮޑުވަޒީރު އާޑެން އިންނެވީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަދި އާޑެން ކުޑަ ވަގުތުކޮޅަކަށް އޭނާގެ ޕޯޑިއަމް ހިފަހައްޓައިގެން ހުރެ، ހިނިތުންވެ، ނޫސްވެރިން ކައިރިން ސުވާލު ކުރުމަށް އެދިވަޑައިގެންނެވިއެވެ.

"މައާފް ކުރައްވާ އެ ސުވާލު ތަކުރާރު ކުރެވިދާނެތޯ؟" ނޫސްވެރިންގެ ބައްދަލުވުން ނިމުމުން ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ، ސްޓޭޖް މަތީގައި އެވަގުތު ހުންނެވި ބޮޑުވަޒީރުގެ ނައިބު ގްރާންޓް ރޮބަޓްސަންއަށްވެސް އެއީ ބިންހެލުމެއް ކަމަށް މުޅިން ގަބޫލު ނުކުރައްވާ ކަމަށެވެ.