މީގެ ފަސްމަސް ދުވަސް ކުރިން އެއްމާބަނޑު ނުވަކުދިން ލިބުނު މާލީގެ އަންހެނެއް ކަމަށްވާ ހަލީމާ ސިސީ ދަރިންނާއިއެކު އާއިލާ އާއި ބައްދަލުކުރަން ތައްޔާރުވެއްޖެއެވެ.

މާލީގައި އެކަށީގެންވާ ސިއްހީ ފަރުވާއެއް ލިބެން ނެތުމުން ހަލީމާ ވިހަން ދިޔައީ މޮރޮކޯއަށެވެ. މޮރޮކޯގެ ހޮސްޕިޓަލެއްގައި ހަލީމާ ވިހައިގެން ފާއިތުވި ފަސް މަސް ދުވަހު ހޮސްޕިޓަލްގައި ތިބެން ޖެހުނީ އޭނާ ވިހެއީ ދުވަސް ނުފުރައި ކަމަށް ވުމުންނެވެ. ނަމަވެސް މިހާރު ހުރިހާ ކުދިންގެ ސިއްހަތު ވެސް ރަނގަޅުވެ ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައެވެ.

ހަލީމާ މިހާރު ވެފައި ވަނީ ދުނިޔޭގައި އެއްމާބަނޑު އެންމެ ގިނަ ކުދިން ވިހެއުމުގެ ރެކޯޑް އޮތް މީހާއަށެވެ. މީގެ ކުރިން އެރެކޯޑް އޮންނަނީ 2009 ވަނަ އަހަރު އަށް ކުދިން ވިހޭ މޮރޮކޯ އަންހެނެއްގެ އަތުގައެވެ.

ހަލީމާ "މެއިލް އޮންލައިނަށް" މައުލޫމާތު ދެމުން ބުނީ އޭނާ އަށް ނުވަ ކުދިން ލިބުމަކީ އަޖައިބު ކުރުވަނިވި ކަމެއް ކަމަށާއި، އެހުރިހާ ކުދިން ސިއްހަތު ރަނގަޅު ކުދިންތަކެއްގެ ގޮތުގައި ބޮޑުވަމުން އަންނަ މަންޒަރުން އާއިލާއަށް އުފާވެރިކަން ލިބިފައިވާ ކަމަށެވެ.

ހަލީމާ އާއި އޭނާގެ ފިރިމީހާ އަދި މޮރޮކޯގައި މަޑުކޮށްގެން ތިބީ ހުރިހާ ކުދިން ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އަދިވެސް ދޭތެރެ ދޭތެރެއިން ކުދިންގެ ބައެއް ޓެސްޓްތައް ހަދަން ޖެހޭތީއެވެ. ނަމަވެސް ވަރަށް އަވަހަށް އެޓެސްޓްތައް ވެސް ނިމި ހުރިހާ ކުދިން އެއްކޮށް ހޮސްޕިޓަލުން ދޫކޮށްލާނެއެވެ.

ހުރިހާ ކުދިން ވެސް އުފަންވިއިރު އެވްރެޖްކޮށް ކޮންމެ ކުއްޖެއްގެ ބަރުދަނުގައި ވެސް ހުރީ 500 ގްރާމެވެ. ނަމަވެސް މިހާރު ކުދިންގެ ބަރުދަން އިތުރުވަމުން އައި ކިލޯއަކަށްވުރެ ބަރުވެއްޖެއެވެ.

ހަލީމާ އަށް ލިބިފައި ވަނީ ހަތަރު ފިރިހެން ކުދިންނާއި ފަސް އަންހެން ކުދިންނެވެ. އޭނާ އަށް ލިބުނު ފިރިހެން ކުދިންނަކީ އުމަރު، އެލާދުޖީ، ބާހް، މުހައްމަދުއެވެ. އަންހެން ކުދިންނަކީ އާދަމާ، އޮމޯއޫ، ހައްވާ، ހަދީޖާ އަދި ފާތިމާއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    މާޝާ ﷲ