ނެޓްފްލިކްސް އިން ގެނެސްދޭ ތުރުކީގެ ޑްރާމާ ސީރީޒްއެއް ކަމަށްވާ "ރިޒަރެކްޝަން:އާރްތުރުލް" ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.

އުސްމާން އެމްޕަޔަރ އުފެދުނު ގޮތް ދައްކުވައިދޭ މި ސީރީޒްގައި ފެނިގެންދަނީ އުސްމާން 1 ގެ ބައްޕާފުޅު އާރްތުރުލް ގާޒީ ގެ ހަޔާތްޕުޅުގައި ހިނގައިދިޔަ ހާދިސާތަކާއި އެ އެމްޕަޔާ އުފެދުނު ގޮތެވެ.

މި ސީރީޒް އަށް ވަނީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބެލި ޑްރާމާ ސީރީޒްގެ މަގާމު ލިބިފައެވެ. އެގޮތުން މި ސީރީޒް ބެލި މީހުންގެ އަދަދު ވަނީ ތިން ބިލިއަނަށް އަރައިފައެވެ.

ރިޒަރެކްޝަން:އާރްތުރުލް ގެ އެޕިސޯޑެއްގެ މަންޒަރެއް

ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މި ސީރީޒް ދައްކާއިރު މި ސީރީޒް ވަނީ 39 ބަހުން ތަރުޖަމާވެސް ކޮށްފައެވެ. މި ސީރީޒްގެ މައި ރޯލުން ފެނިގެން ދަނީ އިންގިން އަލްތަން ދުޒޭތަންއެވެ. އޭނާ އަށް ބޮޑު މަގުބޫލުކަމެއް ލިބުމާއި އެކު ޕާކިސްތާނުން ވަނީ އޭނާ އަށް އިސްލާމް އާބާދުގެ ހައުސިން ސްކީމްގެ ބްރޭންޑް އެމްބެސަޑަރުކަން ދީފައެވެ.

މި ސީރީޒްގައި ހަލީމޭ ސުލްތާންގެ ރޯލުން ފެނިގެންދާ އިސްރާ ބިލްގިކްގެ އެކްޓިން މޮޅުކަމުން އޭނާ އަށްވެސް ވަނީ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައެވެ.

އުރްދޫ ބަހުން ޔޫޓުއިބުން މި ސީރީޒް ބެލޭއިރު ޔޫޓުއިބުން އެކަނިވެސް 240 މިލިއަން މީހުން ވަނީ މި ސީރީޒް ބަލައިފައެވެ. އެއާއިކު މި ސީރީޒް ވަނީ ޔޫޓުއިބްއިން އެންމެ ގިނަ ބަޔަކު ބެލި 50 ވީޑިއޯގެ ތެރޭގައި ހިމެނިފައެވެ.

މުސްލިމުންގެ އިތުރުން އެހެނިހެން ދީންތަކުގެ މީހުންގެ މެދުގައިވެސް މި ސީރީޒް ދަނީ ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ.