ކުޅަދާނަ ލަވަކިޔުންތެރިޔާ އެޑް ޝީރަން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެޑް ޝީރަން ކޮވިޑް-19 އަށް ފައްސިވެފައިވާކަން ހާމަކޮށްފައި ވަނީ އޭނާގެ މީސްމީޑިޔާގައި ކުރި ޕޯސްޓެއްގައި އެވެ. އޭނާ ބުނީ ކޮވިޑަށް ފައްސިވިކަން އެނގުމާއެކު ގޭގައި އެކަހެރިވެފައިވާ ކަމަށެވެ.

ގޭގައި ހުރެގެންވެސް އިންޓަވިއުތައް ދިނުމާއި އަދި ޕާފޯމް ކުރުން ވެސް ކުރިއަށް ގެންދާނެކަން ހާމަކުރަމުން އެޑް ބުނީ އެންމެންވެސް ރައްކާތެރިވެގެން ތިބުމަށް އެދޭ ކަމަށެވެ.

އެޑްގެ ކުރިޔަށް ހުރި މަސައްކަތްތަކަށް ބަލާއިރު އަންނަ ހަފްތާގައި އެޕަލް މިއުޒިކްގެ ޒޭން ލޯވް ލައިވްގައި އޭނާގެ އާ އަލްބަމްގެ ލަވައެއް ހުށައަޅާދޭން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މި ލަވަ ހުށައަޅައިދޭނެތޯ ނޯންތޯ މިހާރު ވަނީ ސުވާލުއުފެދިފަ އެވެ.

ލަވައިގެ ދުނިޔޭގައި އެތައް އަހަރެއް ހޭދަކޮށް އެތައް ބައެއްގެ ސަމާލުކަން ހޯދާފައިވާ އެޑް ޝީރަން އަށް ވަނީ ގިނަ އެވޯޑުތަކެއްވެސް ލިބިފަ އެވެ. އެޑް ޝީރަން އަށް ވަނީ ހަތަރު ގްރެމީ އެވޯޑް ލިބިފަ އެވެ. އަދި 6 ބިލްބޯޑް މިއުޒިކް އެވީޑުވެސް ލިބިފައިވާއިރު އޭނާގެ ލަވަ އަލްބަމްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިކޭއިރު 150 މިލިއަން ލަވަ އަލްބަމެއް މިހާރުވެސް ވަނީ ވިކިފަ އެވެ.

އެޑް ޝީރަން ކިޔާފައިވާ ލަވަތަކުގެ ތެރެއިން މިހާތަނަށް އެންމެ މަޝްހޫރު ވެފައިވާ ލަވަތަކަކީ "ޝޭޕް އޮފް ޔޫ"، "ކާސަކް އޮން ދަ ހިލް"، "ގިވް މީ ލަވް"، "ތިންކިންގ އައުޓް ލައުޑް"، "ޕާފެކްޓް"، "ޑައިވް،" "ދަ އޭ ޓީމް" ފަދަ ލަވަތައް ހިމެނެ އެވެ.