މައްސަރު ކަންތައް ކުރިމަތިވުމުން ނުވަތަ ޕީރިއަޑްވުމުން އަޅައި ވޭނާއި މޫޑަށް އެތައް ބަދަލުތަކެއް އާދެއެވެ. ގިނަ އަންހެނުންނަކީ އަޅައި ވޭނުގެ ސަބަބުން ތެދުވެ އުޅެން ވެސް އުދަނގޫ މީހުންނެވެ.

މިކަން އެންމެ އުދަނގޫ ވާނީ ވަޒީފާ ތަކުގައި އުޅޭ އަންހެނުންނަށެވެ. ޕީރިއަޑްވެ ކިތައްމެ ވޭނެއް އެޅި ނަމަވެސް ވަޒީފާއަށް ނިކުންނަން ޖެހެއެވެ. ނުވަތަ ތިން ހަތަރު ދުވަސް ވަންދެން އޮފީހަށް ސަލާމް ބުނެ، މަސައްކަތްތައް ފަސްވެއެވެ.

މައްސަރު ކަންތައް ކުރިމަތިވުމުން އެކަން އެހެން މީހުންނަށް ސިއްރުކޮށްގެން އުޅުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މީހުން މިކަމަށް ހޭލުންތެރިވުމުގެ ސަބަބުން މިކަމާއި ގުޅިގެން އަންހެން އަދި ފިރިހެނުން ވެސް އަންނަނީ ހާމަކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަމުންނެވެ.

މައްސަރު ދުވަސްވަރު އަންހެން މުވައްޒަފުންނަށް ޗުއްޓީ ދިނުމަށް އެދި އެތައް ގައުމެއްގައި އެ ވާހަކަ ދެކެވެއެވެ. ނަމަވެސް އެކަމަށް އަމަލީ ބަދަލެއް ގެނެސްފައިވަނީ މަދު ގައުމެއްގައެވެ.

މި ގައުމު ތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އަވައްޓެރި ގައުމެއް ކަމުގައިވާ އިންޑިޔާ ވެސް ހިމެނެއެވެ. އިންޑިޔާގެ 12 ކުންފުންޏަކުން މައްސަރު ދުވަސްވަރު އަންހެނުންނަށް ޗުއްޓީ ދިނުމަށް ވަނީ ނިންމާފައެވެ.

މި 12 ކުންފުނީގައި މަސައްކަތް ކުރާ އަންހެނުން ޕީރިއަޑްވުމުން ފުރަތަމަ ދެ ދުވަސް ވަނީ ޗުއްޓީ ދެ ދުވަސް ކަމުގައި ހަމަޖައްސާފައެވެ.

އެ ކުންފުނި ތަކަކީ ސްވިގީ، ކަލްޗަރ މެޝިން، މަތުރަމްބީ، މަގްޒްޓަރ، ވެޓް އެންޑް ޑްރައި، އިންޑަސްޓްރީ އޭއާރްސީ، ޒޮމާޓޯ، އައި ވިޕަނާން، ގޮޒޫޕް އޮންލައިން ޕްރައިވެޓް ލިމިޓެޑް، ހޯސަސް ސްޓޭބަލް ނިއުސް، ފްލައި މައި ބިޒް އަދި ބައިޖޫ ކުންފުނި ހިމެނެއެވެ.