މި އަހަރުގެ ސެޕްޓެމްބަރު މަހު ނެޓްފްލިކްސް އިން ދައްކަން ފަށާފައިވާ ދެކުނު ކޮރެޔާގެ ޑުރާމާ ސްކުއިޑު ގޭމަކީ މީގެ 10 ވަރަކަށް އަހަރު ކުރިން ލިޔެފައިވާ ވާހަކައެކެވެ.

ޑައިރެކްޓަރ ހުވަން ޑުކް ހުއަކް 2008 ވަނަ އަހަރު ލިޔަން ފަށާފައިވާ މި ޑުރާމާގެ ފުރަތަމަ ޑުރާފްޓް ލިޔެ ނިންމާފައިވަނީ 2009 އަހަރުއެވެ. އޭގެ އަނެއް އަހަރު ފައިނަލް ޑުރާފްޓާއި އެކު ސްޓޫޑިއޯތަކާއި ހަމައަށް ގެންގޮސްފައިވާ މި ޑުރާމާ ވަނީ 10 އަހަރު ވަންދެން ސްޓޫޑިއޯތަކުން ބޭރު ކޮށްފައެވެ.

އޭރު ސްޓޫޑިއޯތަކުން ޑުރާމާ ބޭރުކޮށްފައި ވަނީ، ޑުރާމާގައި އަނިޔާވެރިކަމާއި އެއިރުގެ މާހައުލާއި ނުގުޅޭ ކަންތައްތަކެއް ހުރުމުން ކަމަށް ޑައިރެކްޓަރ ނިންމިއެވެ.

އޭގެ 10 އަހަރު ފަހުން މި ޑުރާމާ ދެއްކުމަށް ނެޓްފްލިކްސް އިން އެއްބަސްވެފައިވަނީ 2019 ވަނަ އަހަރުއެވެ. އެއިރު ޑުރާމާގެ ނަމަކީ ''ރައުންޑް ސިކްސް'' އެވެ.

ޑުރާމާއިން ފެންނަމުންދާ ކަންތައްތަކަކީ މިހާރުގެ މުޖުތަމައުން ބަލައިގަންނަ ކަންތައްތަކެއް ކަމަށް ޑައިރެކްޓަރ ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މި ޑުރާމާ އެންމެ ފުރަތަމަ އަމާޒު ކޮށްފައިވަނީ ފިލުމަކަށެވެ. އަދި ބައެއް ކެރެކެޓަރުންގެ ރޯލަށް ބޮޑެތި ބަދަލުތަކެއް ގެނެސް ޑުރާމާއަކަށް ހަދާފައިވާ ކަމަށް މި ޑުރާމާގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ބުނެފައިވެއެވެ.

ޑައިރެކްޓަރ އަދި ސްކްރީން ރައިޓަރ ހުވަން ޑުކްއަކީ ކާމިޔާބު ފިލުމުތައް ކަމުގައިވާ ''ސައިލެންސްޑް''، ''ދަ ފޮރޓްރެސް'' ފަދަ ފިލުމުތަކާއި ކޮމެޑީ ޑުރާމާ ''މިސް ގުރޭނީ'' ފަދަ ޑުރާމާތައް ލިޔެ ޑައިރެކްޓް ކޮށްފައިވާ ފަރާތެވެ.

ސްކުއިޑް ގޭމަކީ ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އަދި އެންމެ ގިނަ ބަޔަކު ބަލާފައިވާ ޑުރާމާއެވެ.