ރަޝިއާގެ އުމުރުން އެންމެ 24 އަހަރުގެ އަންހެނަކު 21 ކުދިންގެ "މަންމަ" އަށް ވެއްޖެއެވެ. ކްރިސްޓީނާ އަށް ލިބުނު 21 ކުދިންނަކީ ވެސް އެހެން މީހުން ވިހާފައިވާ ކުދިންނެވެ. އޭނާ ހަވާލުވީ އެކުދިން ބަލަހައްޓާނެ މީހަކު ނެތިގެން ކުދިންގެ ގާނޫނީ ބެލެނިވެރިކަމާއިއެވެ. އެކުދިން އެޑޮޕްޓް ކުރުމުގެ ކަންކަން އަދި ނުނިމޭތީ އަދި ކްރިސްޓީނާ އަކީ ހަމައެކަނި އެކުދިން ބެލެހެއްޓުމާއި ވަގުތީގޮތުން ހަވާލުވެ ހުރި މީހާއެވެ.

ކްރިސްޓީނާގެ ފިރިމީހާ ކަމަށްވާ ގާލިބް އޮޒްޓޫކް އަކީ މިލިއަނަރެކެވެ. އެހެންކަމުން އެދެމަފިރިންނަށް ގިނަ ކުދިންތަކެއް ބެލެހެއްޓުން އެއީ ދަތިކަމަކަށް ނުވެއެވެ. މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ކުދިން ބެލެހެއްޓުމާއި ހަވާލުވަމުން އަންނަ ދެމަފިރިން މިހާރު އެކުދިންނަށް 142000 ޕައުންޑް ހަރަދު ކޮށްފިއެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ތިން މިލިއަން ރުފިޔާއެވެ.

ކްރިސްޓީނާގެ ދެމަފިރިން ދަރިން ބެލުމަށް 16 އަންހެނަކު ގެންގުޅެއެވެ. އެމީހުންނަށް ހުރިހާ ދަރިންތައް ވެސް އޮންނަނީ ބަހާލާފައެވެ. ނަމަވެސް ކޮންމެ ހަފްތާއަކު އެއްފަހަރު ދަރިން ބަލަމުންދާ މީހުން ބަލަހައްޓާ ކުއްޖާ ބަދަލުކޮށް، ކުދިން ބަލަހައްޓާ މީހުން ދައުރުވާ އުސޫލެއް ގެންގުޅެއެވެ.

ކްރިސްޓީނާ ކުރިން ކުރި ކައިވެންޏަކަށް ހައަހަރުގެ އަންހެން ކުއްޖަކު ލިބިފައި ވެއެވެ. ކްރިސްޓީނާ ހުރިހާ ވަގުތެއް ހޭދަކުރަނީ އޭނާގެ ދަރިންނާއިއެކު އެވެ. ދަރިންތައް ބަލަހައްޓަން މީހުން ތިބި ނަމަވެސް ކްރިސްޓީނާ ވެސް އެކުދިންގެ ކަންކަން ބަލަހައްޓައެވެ.

"އަހަރެންނަށް އެއްވާހަކައެއް ބުނެވިދާނެ. އަހަރެން ކުރަން ހުރި ކަންކަން އެއްވެސް ދުވަހަކު ނުނިމޭ. ފޫހިވެގެން ކުރާނެ ކަމެއް ނެތިފައި ހުންނާކަށް ނުޖެހޭ. ހުރިހާ ދުވަހަކު ވެސް އަހަރެން އުޅެނީ ދަރިންގެ ކަންކަމުގައި." ކްރިސްޓީނާ ބުންޏެވެ.

ކުދިންތަކެއް ބަލަހައްޓާނެ މީހަކު ނެތިފައި ވަނިކޮށް އެކުދިންގެ ބެލެނިވެރިކަމާއި ހަވާލުވެގެން ކްރިސްޓީނާ ކުރަމުން އަންނަ މަސައްކަތް ވަރަށް ގިނަ ބަޔަކު ފާހަގަކޮށް އޭނާގެ މަސައްކަތައް އަންނަނީ ތައުރީފް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ވ ސަޅި ކަމެއް