ނެޓްފްލިކްސް އިން ދެއްކި އެންމެ ކާމިޔާބު ސީރީޒްއަށް ސްކުއިޑް ގޭމްސް ވިޔަސް އެ ސީރީޒް އިން އެހާ ބޮޑު މުއްސަނދި ކަމެއް ނުލިބޭ ކަމަށް ސީރީޒް އުފެއްދި ފަރާތުން ބުނެފިއެވެ.

ގާޑިއަން އަށް ދިން އިންޓަވިއުއެއްގައި ސްކުއިޑް ގެމްސް އުފެއްދި ފަރާތް ކަމުގައިވާ ހުވެންގް ޑޮންގ ހައިޔުކް ބުނީ ސީރީޒް އަށް ބޮޑު ކާމިޔާބެއް ލިބުނު ނަމަވެސް އެކަމާ ގުޅިގެން އޭނާއަށް ބޯނަސްއެއް ލިބިފައި ނުވާ ކަމަށެވެ.

ހުވެންގް ބުނީ އޭނާ އަށް ނެޓްފްލިކްސް ދެނީ ދެފަރާތުން އެއްބަސްވެފައިވާ ވަރަށް ކަމަށެވެ.

އެކާވީސް މިލިއަން ޑޮލަރު ހަރަދުކޮށް އުފައްދާފައިވާ މި ސީރީޒް އަށް މިހާތަނަށް 900 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ ލިބިފައެވެ. އަދި ބްލޫމްބާގްގައިވެސް މި ހަބަރު ރިޕޯޓްކުރެވިފައިވާއިރު ސީރީޒްއަށް ލިބޭ ތަރުހީބު ދުވަހެއް ދުވަހަކަށް ވުރެ ދަނީ އިތުރުވަމުންނެވެ.

އުމުރުން 50 އަހަރުގެ ހުއެންގް ބުނީ ސީރީޒް އުފެއްދުމަށް ހުރިހާ ކަމަކާއި ވަގުތެއް ހުސްކޮށްފައިވާ ކަމަށެވެ. ސީރީޒްގެ ސްކްރިޕްޓް ލިއުމަށްވެސް އަތުގައި ފައިސާ ނެތުމުން އަމިއްލަ ލެޕްޓޮޕްވެސް ވިއްކާލާފައިވާކަމަށް އޭނާ ބުންޏެވެ.

މި ސީރީޒް އުފެއްދުމުގައި ކަންކަމުގައި އުޅެން ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ކަންބޮޑުވެ ހަ ދަތްވެސް ވެއްޓުނު ކަމަށް އޭނާ ބުންޏެވެ. އެއް އެޕިސޯޑް ނިންމާލުމަށްފަހު އަނެއް އެޕިސޯޑް ހަދަން ތައްޔާރުވުމުގައި ވަރަށް ގިނަ ކަންކަމާމެދުވެސް ވިސްނަން ޖެހުނު ކަމަށް އޭނާ ބުންޏެވެ.

ދުނިޔޭގެ ހުރިހާ ހިސާބަކުންވެސް މި ސީރީޒް އަށް ބޮޑު ތަރުހީބެއް ވަނީ ލިބިގެން ގޮސްފައެވެ.