މަސްތުވާކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ހާންގެ ދަރި އާރްޔާން ހާންގެ މައްސަލައިގެ މިސްރާބު ބަދަލުވާން ފަށައިފިއެވެ. މި މައްސަލައިގައި އާރްޔާން ހައްޔަރުކުރީ އޮކްޓޯބަރު ތިން ވަނަ ދުވަހު ކްރޫޒް ޝިޕަކުންނެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާއި ވިއްކުމުގެ ތުހުމަތުގައި ހައްޔަރު ކުރި އާރްޔާން ހާންގެ މައްސަލައިގެ މިސްރާބު އެންމެ ފުރަތަމަ ބަދަލުވެގެން ދިޔައީ އާރްޔަން ހައްޔަރު ކުރި އެންސީބީގެ ޒޯނަލް ޑައިރެކްޓަރު ސަމީރު ވަންކެޑޭއަށެވެ.

ބޮލީވުޑު ފަންނާނުންނަށް އަމާޒުކޮށް ސަމީރު އެމީހުންގެ ކެރިއަރ ހަލާކު ކުރަން އުޅޭ ކަމަށާއި އާރްޔަން ހާން ދޫކޮށްލުމަށް ވަކި އަދަދަކަށް ފައިސާ ދިނުމަށް އެދިފައިވާ ކަމަށް ބުނެ ބައެއް އިސްފަރާތްތަކާއި ވަކީލުންގެ އިތުރުން އާއްމު ރައްޔިތުން ވެސް ދަނީ ބުނަމުންނެވެ.

ނަމަވެސް ސަމީރުއާއި ދެކޮޅަށް ދެކެވޭ ހުރިހާ ވާހަކައެއް އޭނާ ވަނީ ދޮގުކޮށްފައެވެ. އަދި ސަމީރުއާއި އޭނާގެ އާއިލާއަށް އިންޒާރުދެމުންދާ މައްސަލަ ވެސް ވަނީ ފުލުހުންނަށް ހުށަހަޅާ ހިމާޔަތަށް އެދިފައެވެ.

މައްސަލައިގެ މިސްރާބު ސަމީރުއަށް އަމާޒުވެފައި ވަނިކޮށް އެންސީބީއިން މިހާރު ވަނީ އެ މައްސަލައިގެ މިސްރާބު އަމާޒުވެފައިވަނީ ޝާހުރުކް ހާންގެ މެނޭޖަރު ޕޫޖާ ޑަޑްލާނީއާ ދިމާއަށް ކަމަށް ބުނެފައެވެ.

މައްސަލައިގައި ހެއްކެއް ގޮތުން ގެނެވުނު ޕްރަބަކަރު ސެއިލް މެދުވެރިކޮށް ޕޫޖާ ވަނީ މައްސަލައިގެ އަސްލު އޮޅުވާލާ ތަހުގީގަށް ބުރުއަރުވަން މަސައްކަތް ކޮށްފައި ކަމަށް އެންސީބީއިން ވަނީ ބުނެފައެވެ.

ހެކިންގެ ގޮތުގައި އައިސްފައިވާ ބައެއް މީހުންނަށް ޕޫޖާގެ ނުފޫޒު ފޯރުވާފައި ހަގީގަތް އޮޅުވާލާ، ފޮރުވުމަށް މަސައްކަތް ކުރާ ކަމަށް ވެސް އެންސީބީއިން ވަނީ ބުނެފައެވެ.

ހެއްކަށް ނުފޫޒު ފޯރުވުމަކީ ބެއިލް ދޭން ނުޖެހޭ ކަމެއް ކަމަށް ވެސް އެންސީބީއިން ވަނީ ބުނެފައެވެ.

އާރްޔާން ހާންގެ މައްސަލައިގެ އަޑުއެހުން މިއަދު އޮންނާނެއެވެ.