ދިފާއި ނިޒާމު ބަލިކަށިވުމަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. ދިފާއީ ނިޒާމު ބަލިކަށިވުމުގެ ނަތީޖާއަކަށް ވަނީ އާންމުކޮށް ޖެހޭ ރޯގާ ފަދަ ބަލިތައް ފަސޭހައިން ޖެހި ރަނގަޅުވުމަށް ގިނަ ދުވަސް ނެގުމެވެ. އަދި ބައެއްފަހަރު އެކަމުގެ ސަބަބުން މީހާގެ ހާލު ވަރަށް ބޮޑަށް ދެރަކޮށްލައެވެ.

ބައްޔެއް ވުމުން އެންމެ ފުރަތަމަ އިސްކަމެއްދެވެނީ ޑަކްޓަރަށް ދައްކައި ޑަކްޓަރީ ބޭހެއް ކެއުމަށެވެ. އެއީ ކިތަންމެ ކުޑަ އަދި ކިތަންމެ ބޮޑު ބައްޔެއް ވިޔަސްމެއެވެ. ނަމަވެސް ދުނިޔޭގެ އާރުލާ ޑަކްޓަރުންގެ ނަޒަރުގައި ކުދި ބަލިތަކަށް ބޭސް ގަނެގެން ފަރުވާ ހޯދުމަށް ވުރެއް އެހެނިގެން ގޮތްތަކުން ފަރުވާ ހޯދުން މުހިންމެވެ. އަދި ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ ތަރުކާރީއާއި މޭވާ ކެއުން މުހިންމު ކަމުގައިވެސް އެބޭފުޅުން ވިދާޅުވެއެވެ.

މިގޮތުން ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކެވިދާނެ އެއް މޭވާއަކީ އަނބެވެ. ފަސޭހައިން ލިބެން ހުންނަ މިމޭވާގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަކޮށްދެނީ އޭގައި އެކުލެވިގެންވާ ވިޓަމިން އޭ އަދި ވިޓަމިން ސީގެ އިތުރުން އޭގައި އެކުލެވޭ 25 އަށް ވުރެއް ގިނަ ބާވަތުގެ ކަރޮޓެނޮއިޑްގެ ސަބަބުންނެވެ.

އަދި ކޮންމެ ދުވަހެއްގެ ކެއުމުގައި ގަވައިދުން އަނބު ބޭނުންކޮށްފިނަމަ ފަސޭހައިން ޖެހޭ ރޯގާ ފަދަ ބަލިތަށް ޖެހުމުގެ ފުރުސަތު 37 އިންސައްތައަށް ހަނިވާނެއެވެ. އަދި ހަށިގަނޑުގެ ދިފާއީ ސެލްތަކުގެ ބާރު ގަދަކޮށްދީ ހަށިގަނޑުގައި އުފެދޭ ނުރަނގަޅު ސެލްތަކުގެ ބާރު އަނބުގެ ސަބަބުން ދަށްކޮށްދޭނެއެވެ.

ބަލިން ރައްކާތެރިވުމުގެ ބޭހެއްގެ ގޮތުން އަނބު ބޭނުން ކުރާއިރު އަނބުގެ ތޮށިގަނޑާއި އެކު ބޭނުންކުރުމަށް ހާއްސަ އިސްކަމެއް ދިނުން މުހިންމެވެ.

https://guardian.ng/life/wellness/10-health-benefits-of-mangoes/