ނިންޖަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް މުހިންމު އެއްޗެކެވެ. ކޮންމެ އުމުރުފުރާއަކަށް ވެސް ވަކި މިންވަރަކަށް ނިދި ބޭނުންވެއެވެ.

ނަމަވެސް ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުންނާއި ކުރިމަތިވާ ކަމެއްގެ ސަބަބުން ބައެއް ފަހަރަށް ނިދަން އުނދަގޫވެއެވެ. މިއީ މިޒަމާނުގައި ވަރަށް ގިނަ މީހުންނަށް ކުރިމަތިވާ ކަމެކެވެ.

އަރާމު ނިންޖެއް ނިދާލުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

ކަސްރަތު ކުރުން

ކަސްރަތު ކުރުމަކީ ސިއްހީ ވަރަށް ގިނަ ކަންތައްތަކެއްގެ ފަރުވާއެކެވެ. ގަވާއިދުން ކަސްރަތު ކުރާނަމަ މީހާގެ ހަށިގަނޑާއި ސިކުނޑި ވަރުބަލިވެ، ނިދަން ފަސޭހަވާނެއެވެ.

މަސާޖުކުރުން

މިކަމަށް ސްޕާއަކަށް ދާކަށް ނުޖެހޭނެއެވެ. އަމިއްލައަށް ވެސް މަސާޖު ކުރެވިދާނެއެވެ. ރަނގަޅު ތެލެއް ބޭނުން ކޮށްގެން ބޮލުގެ އިސްތަށިގަނޑު ރަނގަޅަށް މަސާޖު ކޮށްލުމުން ނިދަން ފަސޭހަވުމުގެ އިތުރުން އިސްތަށިގަނޑަށް ވެސް އޭގެ ފައިދާ ކުރާނެއެވެ.

ރަނގަޅު ކާނާ ކެއުން

ނިދުމުގެ ކުރިން މޭ އަންދާ، ވައިހެދޭ ފަދަ ކާނާއާއި ޖަންކް ފުޑްސް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ. އަދި މާގިނައިން ދިޔާ އެއްޗެހި ބުއިން ވެސް ރަނގަޅެއް ނޫނެވެ. ނޫންނަމަ ނިދި އައި ނަމަވެސް ފާހާނާއަށް ދާން ޖެހޭ ކޮންމެ ފަހަރަކު ނިންޖަށް އަސަރު ކުރާނެއެވެ.

ހޫނު ފެނުން ފެންވެރުން

އަރާމު ނިންޖެއް ނިދާލުމަށް މިއީ އެންމެ ފަސޭހަ އަދި އެންމެ ގިނަ މީހުން ބޭނުން ކުރާ ގޮތެވެ. ފެންވަރަލައިގެން ހަށިގަނޑު ސާފުކޮށްލާ ހޫނުކޮށްލުމުން ސްޓްރެސް ފިލައި ނިދަން ފަސޭހަވާނެއެވެ.

މީގެއިތުރުން ދުވާލު ގަޑީގައި ނިދުން މަދުކުރުމާއި ސްކްރީނަށް ބެލުން މަދުކުރުމާއި ނިދާ ގަޑީގައި ކޮޓަރި ތެރެ ނިދުމަށް ހާއްސަ ކުރުން ފަދަ ކަންތައްތަކުން ވެސް ނިދާލުމަށް ފަސޭހަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު