ދުނިޔޭގެ އެންމެ މަޝްހޫރު މީސް މީޑިއާ ވެބްސައިޓް ކަމަށްވާ ފޭސްބުކްގެ ނަން މެޓަ އަށް ބަދަލުކުރުމާއި ގުޅިގެން ގިނަ ބަޔަކު އެނަމަށް ފާޑުކިޔައި މީސްމީޑިއާ މީމްސް އިން ފުރާލައިފިއެވެ.

ފޭސްބުކް ރީބްރޭންޑްކޮށް ނަން މެޓަ އަށް ބަދަލު ކުރަން ނިންމިކަން އިއުލާން ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. އެއާއި އެކީ ގިނަ ބަޔަކު ވަނީ އެއީ ނުގުޅޭ ނަމެއް ކަމަށް ބުނެ ނަން ބަދަލު ކުރުމަށް ވެސް ގޮވާލާފައެވެ.

މި މަންސާގެ ނަން ބަދަލު ކުރުމަށް ޑިވެލޮޕާސް ކޮންފަރެންސްގައި ބޭއްވި ބައްދަލުވުމުގައި ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް ވިދާޅުވީ ފޭސްބުކް އަކީ މީސް މީޑިއާ ވެބްސައިޓެއް ނަމަވެސް ފޭސްބުކްގައި ޑީއެންއޭ އަކީ އެކަކު އަނެކަކު ގުޅުވައި ދިނުމުގެ މަސައްކަތް ކުރުން ކަމަށެވެ.

މެޓާއަށް ނަން ބަދަލުކޮށް ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ "މެޓަވާސް" ނުވަތަ ކޮންމެ މީހަކަށް ވެސް ޑިޖިޓަލް ދުނިޔެއެއް ތަރައްގީ ކޮށްދިނުން ކަމަށް ޒުކަބާގް ވިދާޅުވިއެވެ. ވާޗްއަލް މާހައުލެއްގައި މުއާމަލާތްކޮށް ވީއާރް ބޭނުން ކޮށްގެން ގޭމްތައް ކުޅުން ފަދަ ކަންކަން ކުރިއަށް އޮތްތަނުގައި މެޓާ އިން ތަރައްގީ ކުރާނެއެވެ.

މިކަމާއި ގުޅިގެން މިވަގުތު މީސްމީޑިއާގައި އެންމެ ގިނަ ބަޔަކު މީމްސް ހަދާފައިވަނީ ވެރިޔާ މާކް ޒުކަބާގް އަށެވެ. މިކަމުގައި މުޅި ދުނިޔޭގެ އެންމެން ގޮތަކަށް މީމްސް ހަދަމުން އަންނައިރު، ދިވެހިން ވެސް އަންނަނީ އެކި ކަހަލަ މީމްސް ހަދައި މީސްމީޑިއާގައި އާއްމު ކުރަމުންނެވެ.

ފޭސްބުކުގެ ނަން މެޓާއަށް ބަދަލު ކުރުމުން ދިވެއްސަކު ހަދާފައިވާ މީމްއެއް--ފޮޓޯ؛ ޒާހީ

އެގޮތުން ބައެއް ދިވެހިން ހަދާފައިވާ މީމްސް އިން ފެނިގެން ދަނީ ވިއްކަން ހުންނަ މެޓާއެވެ. އެއީ މެޓާ ދިވެހިން ސިފަ ކުރަނީ އެގޮތަށެވެ. ދިވެހިން ބުނަނީ މެޓާ އަކީ ދިވެހިންނަށް އާ ނަމެއް ނޫން ކަމަށެވެ. އެގޮތުން މިހާރުވެސް ދިވެހިން ދަނީ "ކޭންޑީ" އެމޯޖީ ބޭނުންކޮށް މަލާމާތް ކުރަމުންނެވެ.

ފޭސްބުކް ނަން ބަދަލު ކުރުމުން ދިވެހިން ކޮށްފައި ހުރި ކޮމެންޓްތަކުގެ ސްކްރީންޝޮޓެއް

އަދި ދިވެހިންގެ ތެރޭގައި އެންމެ އާއްމު މެޓާގެ ބާވަވްތައް ކަމަށްވާ އެއީ ދިރިމެޓާތޯ، ކާށިމެޓާތޯ ގެރި މެޓާތޯވެސް ބައެއް ދިވެހިން ވަނީ އަހާފައެވެ.

ފޭސްބުކްގައި ދިވެއްސަކު ކުރި ޕޯސްޓެއްގެ ސްކްރީންޝޮޓެއް

މިފަދަ ގޮތަކަށް އެތައް ދިވެހިންނެއް ވާހަކަދައްކަމުންދާއިރު، އެކި ނޫސްތަކުގެ ފޭސްބުކްގެ ނަން މެޓާއަށް ބަދަލު ކުރި ހަބަރުތަކަށް ދިވެހިން ކޮމެންޓްކޮށްފައި އެބަހުއްޓެެވެ.

ފޭސްބުކް ނަން ބަދަލު ކުރުމުން ދިވެހިން ކޮށްފައި ހުރި ކޮމެންޓްތަކުގެ ސްކްރީންޝޮޓެއް

މެޓާ އިން ކުރިއަށް އޮތް އަހަރު ދުވަސް ތެރޭގައި ދިހަ ބިލިއަން ޑޮލަރު ޑިޖިޓަލް މާހައުލެއް ވެބްސައިޓް ބޭނުން ކުރާ މީހުންނަށް ގާއިމު ކޮށްދިނުމަށް ބޭނުންވާ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ހޭދަކުރާނެއެވެ.

 

މެޓާގެ އުފެއްދުންތަކާއިއެކު ވާޗުއަލް ދުނިޔެއެއްގައި މީހުން އުޅޭނެ ގޮތުގެ ޑެމޯއެއް ޒުކަބާގް ރޭ ވަނީ ދައްކާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ފަަަާތުން

  އެއިޓް މެޓާ ހެން ހީވަނީ

 2. އަހުމިއްޓޭ

  ގަމާރުކަން. އެއީ ޓެކްނޮލޮޖީ ނަމެއް. “މެޓަ”. މެޓާއެއްނޫން. މޮޅެތި ފޯނުގެންގުޅުނަކަސް ސިކުނޑިއެއް ތަރައްޤީއެއް ނުވާނެ

  7
  4
 3. 🤷

  ދެން ޒަކް އުފެއްދި އެޕެއްތާ އެވެ.

  1
  1
 4. ސްނޭޕް

  ކަލޭ ނުވޭ ދިވެއްސަކަށް ވެސް. އަހަރުމެން މިކިޔަނީ އަށެއް މެޓައޭ.

 5. މިތުރާ

  އާސްބުކު،ތިއެއްގެ ސަބަބުން އެތައްބަޔަކު އަމިއްލަޔަށް މަރު ވެ، މިީހުން މޫނުކެޑި،ތިމާގެ ކަންކެޑި،މީހުންގެ ދިރިއުޅުމަށް އައި ބޮޑު މުސީބާތެއްތީ، ނަންބަދަލު ކުރިޔަސްވާނެކަމެއްނެތް،ބޭކާރު އެއްޗެއް☠☠☠

 6. މެޓަ

  ފޭސްބުކްގެ ނަމެއް ބަދަލެއްނުކުރޭ. ފޭސްބުކް ޕޭރަންޓްކޮމްޕެނީގެ ނަން ބަދަލުކުރީ. ގޫގުލްގެ ޕޭރަންޓް ކޮމްޕެނީއަށް މިހާރު ކިޔަނީ އެލްފޮބެޓް. ކުންފުނިތައް މާބޮޑަށް ޑައިވާސް ވީމަ ހޯލްޑިން ކޮމްޕެނީ ނަން ބަދަލުކުރުމަކީ އާއްމު ކަމެއް. މެޓަގެ ދަށުން ފޭސްބުކް، އިންސްޓާގްރަމް، އެއްޗެހި ހަމަ އެ ނަންނަމުގަ ހުންނާނީ