ފޭސްބުކް އިން އެޕްލެޓްފޯމް ހިންގާ ކުންފުނީގެ ނަން މެޓައަށް ރީބްރޭންޑް ކުރިއިރު އެނަން ކިޔާ އެހެން ކުންފުންޏެއް އޮތުމުން މައްސަލަ ބޮޑުވެ އެންމެ ފަހުން ކޯޓަށް މައްސަލަ ހުށަހަޅާ ހިސާބަށް ކަންތައްތައް ހިނގައްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މެޓަ ކޮމްޕިއުޓާސް ނަމަކަށް ކިޔާ އެމެރިކާގެ ކުންފުންޏެއް އެމެރިކާގެ އެރިޒޯނާގައި ހިންގަމުން އެބަގެންދެއެވެ. އެކުންފުނީގެ ވެރިން މިހާރު ވަނީ ފޭސްބުކް އަށް ކުންފުނީގެ ނަމެއްގެ ގޮތުގައި މެޓަ ބޭނުން ނުކުރެވޭނެ ކަމަށް ބުނަމުންނެވެ. މެޓަ ކޮމްޕިއުޓާސް އިން ތިބީ އެންމެ ކުޑަވެގެން 20 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ފޭސްބުކް އިން އެއްބަސް ނުވާނަމަ ފޭސްބުކް ގޮވައިގެން ކޯޓަށް ދާގޮތަށެވެ.

މެޓަ ކޮމްޕިއުޓާސް އަކީ މީގެ އަހަރެއްހާ ދުވަސް ކުރިން އުފެއްދި ކުންފުންޏެކެވެ. އެކުންފުނި ރަޖިސްޓްރީ ކޮށްފައި ވީނަމަވެސް ޓްރޭޑްމާކެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ހުރިހާ ކަމެއް އަދި އޮތީ ނުނިމިއެވެ. އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެކުންފުނިން އޮގަސްޓް މަހު ކަމާބެހޭ އިދާރާތަކަށް އޮތީ ހުށަހަޅާފައެވެ.

ފޭސްބުކްގެ މައި ކުންފުނީގެ ނަން ކަމަށްވާ މެޓަ ކިޔާ އެހެން ކުންފުންޏެއް އޮތް މައްސަލައިގައި ފޭސްބުކް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މެޓަ ކުންފުނިން ޑިމާންޑް ކުރާ 20 މިލިއަން ޑޮލަރުގެ އަގަކީ ފޭސްބުކް އަށް މާބޮޑު އަދަދަކަށް ނުވި ނަމަވެސް ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރަން އަދި މިހާތަނަށް ފޭސްބުކް އިން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށް މެޓަ ކޮމްޕިއުޓާސް އިން ބުނެއެވެ.

ފޭސްބުކް ރީބްރޭންޑްކޮށް މެޓަ އަށް ކުންފުނީގެ ނަން ބަދަލު ކުރި ނަމަވެސް މީސް މީޑިއާ ވެބްސައިޓްގައި އަދިވެސް ބޭނުން ކުރަމުން އަންނާނީ ފޭސްބުކް އެވެ. އެހެންކަމުން ގޫގްލް ރީބްރޭންޑްކޮށް އަލްފަބެޓް އަށް ނަން ބަދަލުކުރި ގޮތައް ފޭސްބުކް އަށް ގެނައި ބަދަލު ވެސް އާއްމުންނަށް މާބޮޑަށް ފާހަގައެއް ނުކުރެވޭނެއެވެ.