ދުނިޔޭގެ މަޝްހޫރު ކުންފުނިތަކުގެ ވެރިންނަކީ، އެންމެ އަރާމާއި އެންމެ މޮޅެތި ތަންތަނުގައު އުޅޭ ބައެކެވެ. ވަރުގަދަ ކެއުންތަކާއި، އެމީހުންގެ ހައިބަތާއި ގުޅުންހުރި، އަގުބޮޑު ކާރުތަކުގައި ދަތުރުކުރުމަކީ އެމީހުންގެ އާދައެވެ. ހަމައެހެންމެ، މީރު ކެއުންތައް ކެއުމާއި، އަގުބޮޑު ހޮޓަލްތަކާއި ރިސޯޓުތަކުގައި ވަގުތު ހޭދަކުރުންވެސް ވެގެންދާނީ، އެމީހުން އާއްމުކޮށް ކޮށް އުޅޭ ކަމަކަށެވެ.

އެހެންކަމުން، ބޮޑު ކުންފުންޏެއް ވެރިއަކު، ގަސްދުގައި، އެއްވެސް ކުށަކާ ނުލައި، ޖަލުގައި ވަގުތު ހޭދަކުރަން ގޮސްފާނެކަމަށް ޤަބޫލު ކުރަން ހެއްޔެވެ؟

އެކަމަށް ޤަބޫލު ކުރިއަސް، ނުކުރިއަސް މައްސަލައެއް ނެތެވެ. އެއް ރޭ، ޖަލެއްގައި ހޭދަކުރުމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ، އެތައް ބޮޑެތި ކުންފުންޏެއްގެ ވެރިން ވަނީ ބޭނުންވެފައެވެ. އެކަން ކުރުމަށް، އެފަރާތްތަކުން ދަނީ އެތައް ޚަރަދެއްވެސް ކުރަމުންނެވެ. އެހެންނަމަވެސް، އެފަރާތްތައް މިކަން ކުރަނީ ރަނގަޅު ނިޔަތެއްގައި، ބަޔަކަށް އެހީވުމަށެވެ.

"އެނުއަލް ސީއީއޯ ސްލީޕްއައުޓް" ނަމުގައި ކުރިއަށް ގެންދާ ހަރަކާތެއްގެ ދަށުން، މި އަހަރު، އެންމެ ބޮޑު އަގެއް ހުށަހަޅާ ސީއީއޯ އެއް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެކުނު އެފްރިކާގެ ރޮބެން އައިލެންޑުގައި ހުންނަ ޖަލު ގޮޅިއަކަށެވެ. މިއީވެސް އާދައިގެ ތަނެއް ނޫނެވެ. މިއީ، ނެލްސަން މަންޑޭލާ، އޭނާގެ ޖަލު ޙުކުމް ތަންފީޛު ކުރި ގޮޅިއެވެ. މަންޑޭލާ އަކީ ދެކުނު އެފްރިކާގައި އޮތް، ދޮން މީހުންނާ ކަޅު މީހުންގެ ނަސްލީ ތަފާތުކުރުންތައް ނައްތާލުމަށް އެންމެ ވަރުގަދަ އަޑު އުފުލި މީހާއެވެ. އަދި، އޭނާއަކީ އެޤައުމުގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްވެސްމެއެވެ.

މި ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ބުނެފައިވާ ގޮތުގައި، ޖަލުގައި އެއް ރޭ ނިދުމުގެ ފުރުޞަތު ދިނުމަށް، އޮންލައިން ކޮށް ނީލަން ހުޅުވާފައިވަނީ 250،000 އެމެރިކާ ޑޮލަރަށެވެ. އެހެންނަމަވެސް، އިތުރު ތިން ނީލަމެއް ހުށަހަޅާ، މިހާރުގެ އަގުވަނީ 300،000 ޑޮލަރަށް އަރާފައެވެ.