މި މަހުގެ ހަތްވަނަ ދުވަހުގެ ތާރީޚަކީ ރީތި ތާރީޚެކެވެ. އެއީ 7/7/2018 އެވެ. އެހެންކަމުން، ރީތި ތާރީޚުތަކަށް ބަލައިގެން ކައިވެނިކުރާ މީހުންނަށް، މިއީ ރަނުގެ ފުރުޞަތަކަށް ނުވެ ނުދާނެއެވެ. އެދުވަހު ކައިވެނި ކުރާނެ އެތައް ބަޔަކު ވާނެކަމީ، ކުރިން ފެނިފައިވާ މަންޒަރުތަކަށް ބަލާއިރު، ނުވާނެ ކަމެއް ނޫނެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް، ކަން އޮތީ މިހެންނެވެ.

އެގޮތުން، މި މަހުގެ ހަތްވަނަ ދުވަހު ކައިވެނިކުރުމަށް، އިންގްލެންޑުގެ އެތައް ބަޔަކުވަނީ މިހާރުވެސް ނިންމާފައެވެ. އެކަން، ކައިވެނިކޮށްދޭ ތަންތަނަށް އަންގާފައިވާއިރު، އެތައް ބަޔަކު ދަނީ ބޮޑު ދުވަހަށް ތައްޔާރުވަމުންނެވެ. އެހެންނަމަވެސް، އެދުވަހަކީ އެހެން ގޮތަކުންވެސް ވަރަށް ބޮޑު ދުވަހެކެވެ. އެއީ، ވޯލްޑް ކަޕުގެ ކުއާޓަރ ފައިނަލުގައި އިންގްލްނެްޑް އާއި ސްވިޑަން ބައްދަލުކުރާ މެޗު އޮންނަ ދުވަހެވެ.

އެދުވަހުގެ މެޗަކީވެސް ޚާއްޞަ މެޗަކަށްވާއިރު، ޤައުމުގެ ރައްޔިތުންނަށްވެސް، މިއީ ބޮޑު ދުވަހެކެވެ. އެހެންނަމަވެސް، އެތައް ބަޔަކު ކައިވެނިކުރާ ދުވަހަކަށް އެދުވަސް ވާއިރު، އެކަމުގެ ވާހަކަ އެތައް ގޮތަކުން ދަނީ ދެކެވެމުންނެވެ. އެގޮތުން، ކައިވެނި ކުރަން ގޮސް ހުންނައިރު، މެޗުން ވާ ގޮތަކަށް ނުވަތަ، ނިކުންނަ ނަތީޖާއަކަށް ނުވިސްނުމަށް، ކައިވެނިކުރާ ފަރާތްތަކުގެ ކިބައިން، އިސް ފަރާތްތަކުން ދަނީ އެދެމުންނެވެ.

ކައިވެނި ކޮށްދޭ ތަނެއްގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި، ކައިވެނި ކުރަން އައިސް ހުންނައިރު، ފޯނު ނިއްވާލާފައި ބެހެއްޓުމަކީ މުޙިއްމު ކަމެކެވެ. ކައިވެންޏަށް ވުރެ ބޮޑު ސަމާލުކަމެއް، އެދުވަހު މެޗަށް ދީފިނަމަ، ކައިވެނީގެ އެންމެ ފުރަތަމަ މަރުހަލާއިންވެސް، ފޭލް ވެދާނެކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ. އޭގެތެރެއިން ގިނަ ފަރާތްތަކުން، މި ނަސޭހަތް ދީފައިވަނީވެސް ފިރިހެނުންނަށެވެ.

ކަން ދިމާ ކުރި ގޮތުން، މެޗު އޮންނަ ވަގުތަކީ، އެޤައުމުހެ ސަޤާފަތް އޮންނަ ގޮތުން، އެންމެ ގިނަ ކައިވެނި ކުރަން ރާވާފައިވާ ގަޑިއެވެ.