ށ. ކޮމަންޑޫ، ސޭބޫގެ، އުމުރުން 33 އަހަރުގެ މުހައްމަދު ރަޝީދަކީ އުފެދުމުގައި ވެސް ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހެކެވެ. އެހެން މީހުންނެކޭ އެއްފަދައިން އޭނާ ވެސް ދެކޭ ހުވަފެންތަކެއް ވެއެވެ. ހާސިލް ކުރަން ބޭނުންވާ ކަންތައްތަކެއް ވެއެވެ. އެހެން ނަމަވެސް މިއަދު ދިމާވެފައިވާ ބަލި ހާލަތެއްގެ ސަބަބުން އޭނާގެ ހުވަފެންތައް ހާސިލު ކުރުމަށް މިވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ރަޝީދުގެ ބަލިހާލަތާއި ދިމާވެފައިވާ ދަތިތަކާއި ގުޅޭ ގޮތުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ މުހައްމަދު މުސްލިމް ވަނީ "ވަގުތު އެހީ" އަށް މައުލޫމާތު ދީފައެވެ.
މުސްލިމް ކިޔައިދިން ގޮތުގައި ރަޝީދު ވަރަށް ކުޑަ އިރު އޭނާގެ ފައި ވަނީ ބިނދިފައެވެ. ދެވަނަ ފަހަރަކަށް ވެސް އޭނާގެ އެ ފައި ބިނދުނު ފަހުން އޭނާ އަމިއްލައަށް ހިނގައި ނޫޅެއެވެ.
"އޭނަގެ އުމުރުން ހަތް ވަރަކަށް، އަށް ވަރަކަށް އަހަރުގައި އޭނާ ހިނގާ އުޅުމުގެ ތެރޭގައި، ރީއްޗަށް ހިނގާ އުޅުނު މީހެއް އެއީ. ހިނގާ އުޅުމުގެ ތެރޭގައި ފައި ބިނދުނީ. ފައި ބިނދިގެން ބޭސް ކޮށްފައި ދެވަނަ ފަހަރަށް ވެސް ފައި ބިނދުނީމަ ދެން އޭނާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނައަށް ހިނގަން ނުކުރެނީ. ފިރުކިފަ ކަހަލަ ގޮތަކަށް ހިނގާ އުޅުނީ. އިށީނދެގެން އިނދެ ދެ އަތާއި ދެ ފައި ބޭނުންކޮށްގެން ގޭތެރޭގައި ހިނގާ އުޅުނީ މިހާތަނަށް." މުސްލިމް "ވަގުތު އެހީ" އަށް ކިޔައިދިނެވެ.
އެގޮތައް އުޅުމުގެ ތެރޭގައި މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ރަޝީދުގެ ހަށިގަނޑަށް ވަނީ ކުއްލި ބަދަލެއް އައިސްފައެވެ. އޭނާގެ މައި ބަދަ އާއި އޭނާގެ ކަނދުރައިން ވަނީ މުޅިންހެން ބާރު ކެނޑިފައެވެ. އެކަމުގެ ސަބަބުން އޭނާއަށް އެއްވެސް ގޮތަކަށް ހަރަކާތްތެރިވެ ނޫޅެވެއެވެ. ޒަރޫރީ ބޭނުންތައް އަމިއްލައަށް އަދާ ކުރުުމުގެ ބާރު ވަނީ ގެއްލިފައެވެ. ދުވަސްތައް ހޭދަ ކުރަން ޖެހިފައި ވަނީ އެނދުމަތީގައެވެ.
"މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މި ދިމާވި ކަމަކީ އެއްދުވަހު ހޭލި އިރުގައި އުނަގަނޑުގައި ވެސް އެއްވެސް ވަރެއް ނުހުންނަނީ، ކަނދުރައިގަ ވެސް. ކަނދުރާވެސް ކޮޅަށް ބޭންދީމަ ބޯ ދާނެ އަތަކަށް ގޮސް ވެއްޓެނީ. މިހާރު އެކަމަކު ކަނދުރާ ރަނގަޅު. އެކަމަކު އުނގަނޑުގައި އެއްވެސް ވަރެއް ނުހުރޭ. މިހާރު ހަމަ އޮށޯވެގެން އޮންނަން ޖެހެނީ. ހުރިހާ ކަމެއްގައި ވެސް މުޅިން އުފުއްލާ ގެންގުޅެން ޖެހެނީ."
ރަޝީދަކީ ގާރީ ކޯހުގައި ކިޔަވަމުން ދިޔަ ޒުވާނެކެވެ. މީގެ ކުރިން އާންމުދަނީ ހޯދަން އެއްވެސް މަސައްކަތެއް ނުކުރި ނަމަވެސް އޭނާ ބޭނުންވަނީ ގާރީ ކޯސް ނިންމައި، ކުދިންނަށް ޤުރުއާން އުގަންނައިދީގެން އާންމުދަނީ ހޯދުމަށެވެ. އެހެން ނަމަވެސް ދިމާވެފައި މިވާ މައްސަލަތަކުގެ ސަބަބުން އޭނާގެ އުންމީދުތަކަށް މިވަނީ ކަޅު ވިލާގަނޑެއްގެ ހިޔަނި އެޅިފައެވެ.
"ގާރީ ކޯސް ލެވެލް ތިނެއް ފަށައިގެން އުޅުނު ދުވަސްކޮޅު، ހަމަ ތިނެއް ފެށިތަނާާހެން އެކަމެއް އެ ދިމާވީ. ލެވެލް އެކެއް ދޭއް ނިންމާފަ." މުސްލިމް ކިޔައިދިނެވެ.
ރަޝީދަކީ މީގެ ކުރިންވެސް ކުދިންނަށް އުގަންނައިދިފައިވާ ހިދުމަތްތެރި ފަރާތެކެވެ. އެގޮތުން ދިވެހި ލޯފަން ކުދިންގެ ޖަމިއްޔާގެ ފަރާތުން އޭނާ ވަނީ ލޯފަން ކުދިންނަށް ވޮއިސް ކޯލް މެދުވެރިކޮށް ކިޔަވައިދީފައެވެ. މިދިޔަ އަހަރު އޭނާ އެކުދިންނަށް ލެޓިން ކިޔަވައިދިން އިރު މި އަހަރު ކިޔަވައިދިނީ ހިސާބެވެ.
މިހާރު ރަޝީދު އޮތީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައެވެ. އޭނާ އަށް ދިމާވެފައިވާ މައްސަލަ އަދި ޔަގީން ވެފައި ނުވާ ނަމަވެސް ޑޮކްޓަރުން ލަފާ ކޮށްފައި ވަނީ މައްސަލައަކީ އޭނާގެ މަސްތަކުގައި ބާރު ދެރަވުމުން ދިމާވެފައިވާ މައްސަލައެއް ކަމުގައެވެ. އެހެން ކަމުން މާލޭގައި މަޑުކޮށްގެން ފިޒިއޯތެރަޕީ ހެދުމަށް ވަނީ ލަފާ ދީފައެވެ.
ރަޝީދު މާލޭގައި ހުންނަނީ ޑެއިލީ ރޫމްއެއް ކުއްޔަށް ހިފައިގެންނެވެ. ރަށުން އޭނާ ފަރުވާއަށް މާލެ އައިތާ މިހާރު ވަނީ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ވެފައެވެ. އޭނާގެ ހާލު ރަނގަޅުވުމަށް ނަގާނީ ކިހާ ދުވަހެއް ކަމެއް އަދި ބުނާކަށް ނޭނގެއެވެ. އެހެން ކަމުން މާލޭގައި އޭނާ ކިތަންމެ ދުވަހަކުވެސް މަޑު ކުރަން ޖެހިދާނެއެވެ. އެހީއަކަށް އެދުމަށް ރަޝީދުއަށް މަޖޫބޫރުވެފައި ވަނީ އޭނާ އަށް މާ ގިނަ ދުވަހަކު މާލޭގައި މަޑު ކުރެވޭނެހާ ތަނަވަސްކަމެއް ލިބިފައި ނެތުމުންނެވެ.
ރަޝީދުގެ މައިންބަފައިންނަކީ މިއަދު އިސް ރަށްވެހިންނެވެ. އެމީހުން އޭނާއަށްޓަކައި ވަމުންދާ ގުރުބާނީތަކަށް އޭނާ ވަނީ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކޮށްފައެވެ. އޭނާގެ އެއްބަނޑު އެއްބަފާ މީހުން ތިބި ނަމަވެސް އެމީހުންނަކީ ވެސް އެހާ ބޮޑު މާލީ ތަނަވަސްކަމެއް ލިބިފައިވާ ބައެއް ނޫނެވެ. ނަމަވެސް އެމީހުން ވެސް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދޭ އިރު އޭނާގެ ރަހުމަތްތެރިން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ރަޝީދު ވަަނީ އެމީހުންނަށް ވެސް ހާއްސަ ޝުކުރެއް އަދާ ކޮށްފައެވެ.
މުހައްމަދު ރަޝީދަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވާ ފަރާތްތަކުން އޭނާގެ ބީއެމްލް އެކައުންޓް ނަމްބަރު 7770000007639 އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ. އޭނާގެ ބަލި ހާލަތާއި ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އޭނާގެ އެންމެ ގާތް އެކުވެރިޔާ މުހައްމަދު މުސްލިމްގެ ފޯން ނަމްބަރު 7826666 އަށް ގުޅުއްވުމަށް އެދެމެވެ.
މާތް ﷲ ރަޝީދަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އޭނާ އަށް ކެތްތެރިކަން ދެއްވާށިއެވެ. އަދި އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައި ލައްވައި މުޅި އިސްލާމީ އުންމަތް ބަލިމަޑުކަމާއި ނުރައްކާތެރި ރޯގާތަކުން މިންޖުކުރައްވާށިއެވެ. އާމީން!
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."
ޢަވަސްޝިފާއަކަށް އެދެން
ޢަވަސްޝިފާއަކަށް އެދެން.
ކޮބާ ރައްޔިތުން މިފަދަ ކަންކަމަށް ޚަރަދު ކުރަންދޭ ޖީއެސްޓީ ފައިސާ! ކޮބާ ހުސްނުވާ އާސަންދަ!
ކޮބާ އެއްކަލަ ހުސްނުވާ އާސަންދަ؟ މިކަހަލަ ކަންތައްދިމާވާތީއޭ އަނގަ ފަތުރަން މިޖެހެނީ. ރައްޓެހިންގެ އެހީ ލިބުނަސް އޭނާގެ ޙައްގު އަދާކުރަން ޖެހޭ ސަރުކާރެއް މިއޮތީ ހޮވާފަ، އެމީހުން ޖެހޭނެ މިކަންތަކުގަ ޒިންމާ އުފުލާބަޔަކަށްވާން. މިކަން ނުކޮށްފިނަމަ މިކަހަލަ ހުރިހާ ކަމެއް ޖަމާކޮށް ޔާމީނާ ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭއިން އެއް ޖައްސާނެވާހަކަ ދަންނަވަން. މިކޮމެންޓު ޝާއިޢުކޮށްލަދީ "މިހާރު".
امين
أَذْهِبِ الْبَأْسَ رَبَّ النَّاسِ وَاشْفِ أَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءٌ لَا يُغَادِرُ سَقَمَاً.
ސަރުކާރުގެ އާސަންދައިގެ ހިދުމަތުން އޭޑީކޭގައި ހިދުމަށް ލިބެނީ ދެބައިކޮށްފައި އެއްބައި، އަދި މާލޭގައި ތިބުމާއި ކެއުން ހަމަޖައްސަން ޖެހެނީ އަމިއްލައަށް އެހެންކަމުން ސަރުކާރަށް ބަރޯސާ ނުވެ ވީވަރަކުން އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރަވައް ރަނގަޅު ކަމެއްކަމަށް ފެނޭ..ޖަޒާކައްﷲ ޙައިރު
އައިސިސް މީހުން އެހީ ނުވީތަ؟
އައިސިސް މީހުން ދޯ އެންމެ ގިނައިން މީހުންނަށް އެހީވަނީ؟؟ތިބާގެ ވިސްނުމުގެ ހަނިކަމާއެވެ.ނުފެނޭތަ އޭނަގެ ހާލަތު ލިޔުމުގަ އެވަނީ ބަޔާންކޮށްދީފަ.ލިޔުމުގެ ތިރީގަވާ އާޔަތާއި ހަދީޘްތައް އަދި އެއްފަހަރު ރަނގަޅަށް ކިޔާލަބަލަ.އޭރަށް އެނގޭނެ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެނީ ކީއްވެކަން...
" ބަލަ "
ކަލޭ ތީ ބައްޔެއްވެސް ނުޖެހި އަދި މަރުވުމެއްވެސް ނެތް މީހަކު ކަމަށްތަ ހެދިގެން ތިޔަ އުޅެނީ. ކަލޭވެސް ބަލިވާނެ. އަދި މަރުވެސް ވާނެ. ޖާހިލުކަލޭގެ
ޢާމީން
wavasq ޝިފާއަކަށް އެދެން
ކޮންމެފަދަ ހިތާމައެއް މީހަކަށް މެދުވެރިވިޔަސް ހަމަ ކުއްލިއަކަށް ސިޔާސީ ވެ ، ތިމާ ހިތުހުރި އެއްޗެއް ކީމާ އެކަމުން ލިބޭނެ މޮޅެއް ނޯންނާނެ.
އެކަމަކާ ގުޅުން ހުރި ވާހަކަ އެއް ދެއްކުން ރަނގަޅު.
ރަޝީދު އަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާށި ، آمين