ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ ކުރި ޓްވީޓެއްގެ ސަބަބުން މަޝްހޫރު ސޯޝަލް މީޑިޔާ ޕްލެޓްފޯމް ސްނެޕްޗެޓަށް ސްޓޮކް މާކެޓުގައި 1.3 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިއްޖެއެވެ.

ކައިލީ ކުރި ޓްވީޓުގައި އޭނާ ވަނީ އޭނާ ސްނެޕްޗެޓް މިހާރު ބޭނުންކުރުން ހުއްޓާލައިފައިވާކަމަށް އިއުލާންކޮށް އާ އަޕްޑޭޓާއި އެކު މިހާރު ސްނެޕްޗެޓް ހުޅުވަނީ ކޮންބައެއްތޯ ސުވާލު އުފައްދައިފައެވެ. ކައިލީ އަކީ ސްނެޕްޗެޓުގައި 24.5 މިލިއަން ފޮލޮވާޒް އޮންނަ ފަރާތެކެވެ.

ސްނެޕްޗެޓުން މިދިޔަ ނޮވެމްބަރ މަހު ގެނައި އަޕްޑޭޓެއްގެ ސަބަބުން އެޕް ބޭނުންކުރާ އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށް ކުރިން ސްނެޕްޗެޓް އޮތް ގޮތަށް އަނބުރާ ޑިޒައިން ބަދަލުކުރުމަށް ގޮވާލައިފައެވެ. މިކަމަށް އެދި އެއް މިލިއަނެއްހާ މީހުން ވަނީ ޕެޓިޝަނެއްގައި ސޮއިވެސް ކޮށްފައެވެ. މިއާއިއެކު ސްނެޕްޗެޓުގެ ސްޓޮކް ވަނީ 6 އިންސައްތަ އަށް ސްޓޮކް މާކެޓުގައި ވެއްޓިފައެވެ.

އެތައް ބަޔަކު ސްނެޕްޗެޓުގެ މި ޑިޒައިންއާއި ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކުރިނަމަވެސް ސްނެޕްޗެޓުގެ އިސް ވެރިޔާ އިވަން ސްޕީގެލް ވަނީ ސްނެޕްޗެޓު ބޭނުންކުރާ ފަރާތްތަކަށް އަދި މި އާ ޑިޒައިންއަށް ހޭނުމަށް ވަގުތު ބޭނުންވާކަމަށާއި މި ޑިޒައިން އަލުން ބަދަލުކުރުމުގެ ވިސްނުމެއް ނެތްކަމަށް ހާމަކޮށްފައެވެ.

ސްނެޕްޗެޓަށް ވަނީ މިފަހަކަށް އައިސް ވާދަވެރި ފޭސްބުކްގެ އިންސްޓަގްރާމްގެ ސަބަބުން ދަތިތަކަކާއި ކުރިމަތިވެފައެވެ. އިންސްޓަގްރާމް ވަނީ މިފަހަކަށް އައިސް ސެލެބްރިޓީންގެ މެދުގައި ސްނެޕްޗެޓަށްވުރެ މާ މަގުބޫލު އޮންލައިން ޕްލެޓްފޯމަކަށް ވެގެންގޮސްފައެވެ. ކައިލީގެ މި ޓްވީޓުގެ ސަބަބުން ސްނެޕްޗެޓަށް އެތައް މިލިއަން ޑޮލަރެއްގެ ގެއްލުންވީނަމަވެސް ކައިލީ ވަނީ އޭގެ ފަހުން އަދިވެސް އޭނާ ސްނެޕްޗެޓްއަށް ލޯބިކުރާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.