ރެއަލް މެޑްރިޑް އަދި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އާންމު ދިރިއުޅުން ފެންނަ ޓީވީ ޝޯއެއް ހަދަން މަޝްވަރާތައް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

"ވެރައިޓީ" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ސީރީސް ހެދުމަށް މަޝްވަރާ ކުރަމުންދަނީ ފޭސްބުކް ވޮޗް އާއެކުއެވެ. ފޭސްބުކް ވޮޗް އަކީ ފޭސްބުކުން ތައާރަފުކޮށްގެން އުޅޭ ޓީވީ ސްޓައިލުގެ ސިލްސިލާތައް އޮންލައިންކޮށް ބެލޭ މަންސައެކެވެ.

ރޮނާލްޑޯގެ ދިރިއުޅުން ފެންނަ އެ ސީރީސް އުފެއްދުމަށް ނިންމައިފި ނަމަ އެ ސީރީސް ވެގެންދާނީި ފޭސްބުކް ވޮޗް އިން ދައްކާ އެންމެ ބޮޑު ސިލްސިލާއަށެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ޑޮކިއުމެންޓްރީ ސްޓައިލުގެ 13 އެޕިސޯޑު އެ ސީރީސް ގައި ހިމެނޭނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މި ސީރީސް ހެދުމަށް ރޮނާލްޑޯ އެއްބަސްވެއްޖެ ނަމަ އޭނާއަށް 10 މިލިއަން ޑޮލަރު ލިބިގެންދާނެއެވެ.

މި ޝޯއިން ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖިިނިއާ ރޮޑްރިގޭޒް އާއި އޮންނަ ގުޅުމާއި އޭނާގެ ދަރިންނާއެކު އޮންނަ ގުޅުމާއި، ގޭތެރޭގައި އޭނާގެ އަމަލުތައް ހުންނަ ގޮތާއި ޕްރެކްޓިސް ފަދަ ކަންތައްތައް ފެނިގެންދާނެއެވެ.

ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެތްލީޓުންގެ ތެރޭގައި ހިމެނޭ ޝަހްސިއްޔަތެކެވެ. އިންސްޓަގްރާމުގައި 133 މިލިއަން މީހުން އޭނާ ފޮލޯ ކުރާ އިރު އޭނާގެ ފޭސްބުކް ޕޭޖު 122 މިލިއަން މީހުން ފޮލޯ ކުރެއެވެ. އެހެން ކަމުން އެތައް މިލިއަން ބަޔަކު ރޮނާލްޑޯގެ ޓީވީ ޝޯ ބަލާނެ ކަމަށް ވަނީ ބެލެވިފައެވެ.

މިހާރު ރޮނާލްޑޯއާއި ބެހޭގޮތުން އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައަކީ އޭނާ ރެއަލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސް އާއި ގުޅެން އުޅޭ ވާހަކައެވެ. އެހެން ނަމަވެސް އެކަމުގައި ވެސް އަދި އެއްވެސް ރަސްމީ ބަހެއް ދީފައި ނުވެއެވެ.