މި އަހަރު ތެރޭގައި ކުރިން ނެރޭ ކުލަތަކުގައި އައިފޯންތައް ނެރޭނެކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ކޭޖީއައި ސެކިޔުރިޓީގެ އެނަލިސްޓް މިންގ-ޗި ކުއޯ މި ވަނީ މި އަހަރު ތެރޭގައި ނެރޭނެކަމަށް ބެލެވޭ އައިފޯންތަކުގެ ބައެއް މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން މިއަހަރު ނެރޭނެ އައިފޯންގެ ބައެއް ފީޗާތަކާއި، އަގުވެސް އޭނާ ވަނީ ހިއްސާކޮށްފައެވެ.

އައިފޯންގެ އަގަށްވުރެ އަދި ފީޗާތަކަށްވުރެ މިފަހަރު އެންމެންނަށް ކަމުދާނެ އެކައްޗަކަށް ވާނީ ފޯނުގެ ކުލަތެކެވެ.

ކުއޯ ބުނެފައިވާގޮތުގައި، 6.5 އިންޗީގެ އޮލެޑް ޑިސްޕްލޭއެއް އިންނަ އާ އައިފޯންގެ އަގު 1000 ޑޮލަރަށް އަރާނެއެވެ. އެއީ މިދިޔަ އަހަރު އެޕަލް އިން ނެރުނު އައިފޯން އެކްސްއާ އެއް އަގެއްކަމަށްވާއިރު، މިފަހަރު ނެރޭ ފޯންތަކަށް ދެ ސިމް ލެއްވޭނެކަަމަށްވެސް އޭނާ ބުންޏެވެ.

އޭނާ ބުނެފައިވާގޮތުގައި، 6.1 އިންޗީގެ އައިފޯން ވިއްކާނެ ކަމަށް ބެލެވެނީ 700 ޑޮލަރަށެެވެ.

ފޯންގެ ކުލަތަކާއި ގުޅޭގޮތުން އޭނާ ބުނެފައިވާގޮތުގައި، އައިފޯންގެ ބޮޑު ފޯނުގެ ކަޅު، ހުދު އަދި އާ ކުލައެއް ކަމަށްވާ ގޯލްޑް ޝޭޑް ނެރޭނެއެވެ. އަދި 6.1 އިންޗީގެ ފޯނުގެ ސްޕޯޓް ގްރޭ، ވައިޓް، ބްލޫ، ރެޑް އަދި އޮރެންޖް ޝޭޑް އެޕަލްއިން ނެރޭނެކަމަށް އޭނާ ބުނެފައި ވެއެވެ.

މިފަހަރު އެޕަލް އިން ރަތް ކުލަ ނެރެނީ ރެޑް ޕްރޮޑަކްޓްގެ ގޮތުގައި ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނޫނެވެ.

މި ދެ ވައްތަރުގެ އައިފޯންގެ އިތުރުން، 5.8 އިންޗީގެ އައިފޯން އެކްސް ރީބޫޓް ވާރޝަންއެއް އެޕަލް އިން ނެރޭނެކަމަށް އޭނާ ބުނެފައި ވެެއެވެ. އޭގެ އަގަކީ 900 ޑޮލަރެވެ.