ތުރުކީ އައިސްކުރީމު އުކުޅަކީ ވަރަށް ގިނަ މީހުންނަށް އެނގޭނެ ކަމެކެވެ. މި އުކުޅު ހަދާ މީހުންގެ މޮޅުކަމުން އައިސްކުރީމު ކާހިތްވެފައި ހުރި ނަމަވެސް ހުސްއަތާ ވެސް ދާން ޖެހިދާނެއެވެ.

ކޯންއަށް އައިސްކުރީމު އަޅަން ބޭނުންކުރާ މި އުކުޅުގެ ސަބަބުން ކޯންގައި އަދި އައިސްކުރީމު ގަންނަން ދާ މީހާގެ އަތުގައި ވެސް ނުޖެހެއެވެ. މިއީ ވަރަށް ގިނަ މީހުން ބެލުމަށް ޝައުގުވެރިވާ މަންޒަރެކެވެ.

އެކަމަކު މި ފަހަރު ތުރުކީ އައިސްކުރީމު އުކުޅު މިގޮތަށް ދައްކާލަން އުޅުނު މީހަކަށް މި ވަނީ ލަނޑެއް ލިބިފައެވެ. މި ވީޑިޔޯ މިހާރު ވަނީ މީސް މީޑިޔާގައި އާއްމުވެފައެވެ.

ކޯންއެއް ހިފަހައްޓައިގެން އައިސްކުރީމް އަޅައިދެން ދެން އިންތިޒާރުގައި ހުރި މީހާއަށް އައިސްކުރީމު ވިއްކަން ހުރި މީހާ ތުރުކީ އައިސްކުރީމު އުކުޅު ދައްކާލަން މަސައްކަތް ކުރެއެވެ.

ސްޓްރޯބެެރީ އައިސްކުރީމުގެ ބޮޑު ސުކޫޕެއް ނެގުމަށް ފަހު މި އުކުޅު ދައްކައިލަން އުޅުނު ވަގުތު ހުޝިޔާރުވެ ހުރެ، އައިސްކުރީމު ގަންނަން އައިސް ހުރި މީހާ ކުއްލިއަކަށް އެ ބޮޑު ސުކޫޕު ގަޔާލާ ދަމާލުމަށްފަހު އައިސްކުރީމު ހިފައިގެން ދުއްވާގަނެއެވެ.

މި މަންޒަރު ބަލަން ތިބި މީހުން މިކަމާ މަލާމާތްކޮށް ހޭން ފަށައެވެ. އައިސްކުރީމު ހިފައިގެން ދުއްވާގަތް މީހާ ވެސް ހޭން ފަށައެވެ.

މި ވީޑިއޯ މީސް މީޑިޔާގައި ހިއްސާކުރުމަށް ފަހު 8 ލައްކައަށް ވުރެ ގިނަ މީހުން ވަނީ މި ވީޑިއޯ ބަލާފައެވެ. އެތައް ބަޔަކަށް މި ވީޑިއޯ ކަމުދިޔައެވެ.

ތުރުކީ އައިސްކުރީމު އުކުޅަކީ އެ ގައުމުގެ މީހުން އައިސްކުރީމު ވިއްކުމުގައި ކަސްޓަމަރުންނަށް ކުރާ ''ޕްރޭންކް'' އެކެވެ.