އަނބިމީހާއަށް އެންމެ ރަނގަޅު ފިރިއަކަށްވުމަށް ރަންވީރު ސިންގް ކުރަންވީ ކަމެއް ނެތް ކަމަށް ކަރީނާ ކަޕޫރު ޚާން ބުނެފިއެވެ.

ރަންވީރާއި ދީޕިކާ ޕާޑުކޯން ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ރަންވީރާއި ދީޕިކާއަކީ ''ކަޕްލް ގޯލްސް'' ތައް ދައްކުވައިދޭ ވަރަށް ލޯބިން އުޅޭ ދެމަފިރިންނެވެ.

ރަންވީރަކީ ވަރަށް ރަނގަޅު ފިރިއެއްކަމަށް ދީޕިކާ ވަނީ ބުނެފައެވެ. ނަމަވެސް ރަންވީރު ބޭނުންވަނީ އަދި ވެސް ރަނގަޅު ފިރިއަކަށް ވުމަށެވެ. އެގޮތުން ރަނގަޅު ފިރިއަކަށްވުމަށް ރަންވީރު ކުރަންވީ ކަންތައްތަކުގެ ލަފާއަކަށް އެދިފައި ވަނީ ކަރީނާ ކަޕޫރު ފަރާތުންނެވެ.

ރަންވީރުގެ މި ސުވާލަށް ޖަވާބުދެމުން ކަރީނާ ބުނެފައިވަނީ ރަނގަޅު ފިރިއަކަށް ވުމަށް ރަންވީރު ކުރާނެ އިތުރު ކަމެއް ނެތް ކަމަށެވެ.

''އިންޑިޔާ އެންމެންނަށް ވެސް އެނގޭނެ ރަންވީރު ދީޕިކާ ދެކެ ލޯބިވާ މިންވަރު. ރަންވީރު އިތުރަށް ކުރާނެ ކަމެއް އޭގައި ނެތް. ދީޕިކާއަށް މިހާރު ވެސް ތި ދޭ ލޯތްބަކީ ވަރަށް ފުރިހަމަ ލޯތްބެއް. އެއީ އެންމެންނަށް ވެސް އެނގޭ، އެންމެންނަށް ވެސް ވަރަށް ކަމުދާ ކަމެއް'' ކަރީނާ ކަޕޫރު ޚާންގެ ރޭޑިޔޯ ޝޯގައި ކަރީނާ ބުނެފައިވެއެވެ.

އިންޓަވިއުތަކާއި، ޝޯތަކުގައި ރަންވީރު ދީޕިކާއަށް ބަލާލާ ގޮތަކީ ވެސް އެތައް އަންހެން ކުދިން އެމީހުންގެ ބައިވެރިޔާގެ ފަރާތުން އެދިއެދި ހުންނަ ކަމެކެވެ.

މީގެއިތުރުން އެވޯޑު ހަފުލާތަކުގައި ރަންވީރަށް އެވޯޑު ލިބުމުން ދީޕިކާއަށް އޭނާގެ ޝުކުރު އަދާކުރާ ކުރުމަކީ ވެސް ދީޕިކާ ދެކެ ރަންވީރު ސިންގް ލޯބިވާ މިންވަރު ދައްކުވައިދޭ ކަމެކެވެ.