އެއްވެސް ކަމެއް ނެތި ގޭގައި ހުންނަން ޖެހިއްޖެ ނަމަ އިތުރު ދަރިންތަކެއް ލިބިދާނެތީ އެކަމާ ވިސްނާ ފިކުރު ކުރެވޭ ކަމަށް ބޮލީވުޑުގެ އެކްޓަރ ސައިފު ޢަލީ ޚާން ބުނެފިއެެެވެ.

ސައިފުގެ ފިލުމު ''ބަންޓީ އޮރު ބަބްލީ 2'' ގެ ޕްރޮމޯޝަނަށް ކަޕިލް ޝަރުމާގެ ޝޯގައި މެހެމާނެއްގެ ގޮތުން ރާނީ މުކަރުޖީއާއިއެކު ބައިވެރިވި މި އެޕިސޯޑުގައި ސައިފުގެ ފިލުމީ މަސައްކަތްތައް މިހާރު އެހާ ގިނައީ ކީއްވެތޯ ކަޕިލް ސުވާލު ކޮށްފައިވެއެވެ.

މި ސުވާލަށް ސައިފު ދިން ޖަވާބުން ރާނީއާއި ކަޕިލްގެ އިތުރުން ޝޯގެ އެހެން ބައިވެރިންނަށް ވެސް ލިބުނީ ސިހުމެކެވެ.

''އަހަރެން އެންމެ ބިރުގަންނަނީ ގޭގައި ހުންނަން ޖެހުމުން އިތުރު ދަރިންތަކެއް ލިބިދާނެތީ'' ސައިފު ބުނެފައިވެއެވެ.

ފިލުމަކަށް ފަހު ފިލުމެއް، ވެބް ސީރީޒްތައް އެހާ ގިނައިން އޭނާ ކުޅެނީ ގޭގައި މާގިނައިރު ނުހުންނަން ކަމަށް ވެސް ސައިފް ބުނެފައިވެއެވެ. އަދި މީގެއިތުރުން ގޭގައި ހުންނައިރު އާއްމު މަޢުލޫމާތު އެއްކުރުމަށް ވަރަށް މަސައްކަތް ކުރާ ކަމަށް ވެސް ސައިފު ބުނެފައިވެއެވެ.

އުމުރުން 51 އަހަރުގެ ސައިފު ޢަލީ ޚާންގެ 4 ދަރިން ތިބެއެވެ. ފުރަތަމަ ކައިވެނި ކުރި އަމްރިތާ ސިންގްއަށް އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައިވެއެވެ. އެއީ ބަތަލާ ސާރާ ޢަލީ ޚާނާއި، އިބުރާހިމް ޢަލީ ޚާނެވެ.

އަދި މިހާރުގެ އަނބިމީހާ ބަތަލާ ކަރީނާ ކަޕޫރު ޚާނަށް ދެ ފިރިހެން ކުދިން ލިބިފައިވެއެވެ. އެއީ ތައިމޫރު ޢަލީ ޚާނާއި ޖަހަންގިރު ޢަލީ ޚާނެވެ.