އެކްޓަރ ސައިފު ޢަލީ ޚާންގެ އެކްޓިންގެ ހުނަރު އެންމެ ރަނގަޅަށް ދައްކުވައިދިން ފިލުމު ''ތަންހާޖީ: ދި އަންސަންގް ވެރިޔާ'' ބެލުމަށްފަހު ދަރިފުޅު ތައިމޫރު ޢަލީ ޚާން ބޭނުުންވީ ބެންކުން ވައްކަން ކުރުމަށް ކަމަށް ބުނެފިއެވެ.

''ބަންޓީ އޯރް ބަބްލީ 2'' ގެ ޕްރޮމޯޝަންއެއްގައި ރާނީއާއި ވާހަކަ ދައްކަމުން ސައިފު ބުނެފައިވަނީ ފިލުމު ތަންހާޖީ ބެލުމަށް ފަހު ތައިމޫރުއަށް އައި ބަދަލު ތަކުގެ ވާހަކައެވެ.

އެގޮތުން ތައިމޫރު ކުޅެން ގެންގުޅޭ ކަނޑިއެއް ހިފައިގެން އެންމެންނަށް ހަމަލާދެމުން ''ބޭޑް ގައި'' އަށް ވާން ބޭނުންވާ ކަމަށް ތައިމޫރު ބުނި ކަމަށް ސައިފް ބުންޏެވެ. އަދި ބެންކުން ވައްކަންކޮށް އެންމެންގެ ފައިސާތައް ނަގަން ބޭނުންވާ ކަމަށް ބުނި ކަމަށް ސައިފް ބުންޏެވެ.

އެކަމާ އެތައް ފަހަރަކު ތައިމޫރުއަށް ވިސްނައިދެން އުޅުން ނަމަވެސް އޭނާ ބޭނުންވީ ''ބޭޑް ގައި'' އަށް ވާށެވެ.

''އެންމެ ރަނގަޅު ކަންތައްކަމަށް ހީކޮށް އަހަރެމެން މި ކުރަނީ ކޮން ކަމެއް. އަހަރެން ބުނިން ވާންޖެހޭނީ ރަނގަޅު ކުއްޖަކަށް ކަމަށް. ރަނގަޅު ރޯލުތައް ކުޅެފައިވާ މީހުންގެ ވާހަކަ ބުނިން. ނަމަވެސް ތައިމޫރު ބޭނުންވަނީ ''ބޭޑް ގައި'' އަށް ވެ ބެންކުން ވައްކަން ކުރަން. އަހަރެންގެ ވާހަކަތައް ގަބޫލު ނުކުރުމުން ކަރީނާއާއި ތައިމޫރު ހަވާލު ކުރުމަށް ފަހު ބުނިން މި މައްސަލަ ހައްލު ކުރާށޭ'' ސައިފު ބުނެފައިވެއެވެ.

އަޖޭއާއި ކާޖޮލް އެކުގައި ފެނިގެން ދިޔަ މި ފިލުމު ''ތަންހާޖީ'' ގައި ސައިފު ކުޅެފައިވަނީ ނުބައިހަދާ މީހެއްގެ ރޯލެވެ. އަދި މިއީ ސައިފުގެ އެކްޓިންގެ ހުނަރު އެންމެ ރަނގަޅަށް ދައްކުވައިދިން ފިލުމުތަކުގެ ތެރެއިން އެއް ފިލުމެވެ.