ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން "އެ ސީރީޒް" ގެ ނަމުގައި ޑްރާމާ ސިލްސިލާތަކެއް ގެނެސްދިނުމަށް ނިންމާ ފުރަތަމަ ޗެޕްޓާ "ބޭބީ" ގެ ޓީޒާ ދައްކާލައިފިއެވެ.

މި ސިލްސިލާތަކުގެ ފުރަތަމަ ޗެޕްޓާ "ބޭބީ" ގެ ނަމުގައި ގެނެސްދެން ނިންމާފައިވާއިރު، މި ސީރީޒްގެ އެޕިސޯޑުތައް ގެނެސްދެން ހަމަޖެހިފައިވަނީ ޗެޕްޓަރތަކަކަށް ބަހާލައިގެން ވަކި ނަމެއްގައެވެ.

ސީރީޒްގެ ފުރަތަަމަ ޗެޕްޓާ "ބޭބީ"ގެ ޓީޒާ އާންމު ކުރި ނަމަވެސް "އެ ސީރީޒް"ގެ އެޕިސޯޑުތައް ދައްކާނެ ވަކި ދުވަހެއް އަދި ދައްކަން ހަމަޖެހިފައިވާ ޕްލެޓްފޯމެއް ހާމަ ކޮށްފައެއް ނުވެއެވެ.

"އެ ސީރީޒް" ގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު "ވަގުތު" އަށް ބުނީ މި ސީރީޒްގައި ޖުމްލަ އަށް އެޕިސޯޑު ހިމެނޭނެ ކަމަށެވެ.

"ޔޫއްޕެ ބޭއްވި އޮޑިޝަނުން ހޮވުނު ކުދިންނަށް ފުރުސަތު ދޭންވެގެން ބޮޑަށް އެކުދިން ހިމަނާފައި ވާނީ. ކޮންމެ އެޕިސޯޑެއްގައިވެސް 45 މިނެޓާއި 50 މިނެޓްގެ ދިގު މިނެއް ހުންނާނެ،" ޝަފީގު ބުންޏެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިއެ ޑައިރެކްޓް ކޮށްފައިވާ "ބޭބީ" ޗެޕްޓާގެ ޓީޒާއިން އެކަނިވެސް އެތައް ކަމެއް ފެނިގެންދެއެވެ. އާންމު ކޮށްފައިވާ ޓީޒާގެ ކޮންމެ މަންޒަރަކުން ފެނިގެންދަނީ ވޭނާއި، އަނދިރިކަމެވެ. މި ޗެޕްޓާރ އަކީ ޝައުގުވެރި އެތައް ކަމެއް ފެނިގެންދާނެ ޗެޕްޓަރ ކަމަށް ބެލެވެެއެވެ.

ދެވަނަ ޗެޕްޓަރުގެ ނަމަކީ "ފޯން ކޯލް" އެވެ. ތިންވަނަ ޗެޕްޓަރު "އާޓިސްޓް" ނަމުގައި ގެނެސްދޭއިރު ހަތަރުވަނަ ޗެޕްޓަރު ގެނެސްދޭނީ "ސާވަންޓް" ނަމުގައެވެ.

ފަސްވަނަ ޗެޕްޓަރު "ލިފްޓް" ނަމުގައި ގެނެސްދޭން ނިންމާފައިވާއިރު ހަވަނަ ޗެޕްޓަރަކީ "ޝެޑޯ" އެވެ. އަދި ހަތްވަނަ ޗެޕްޓަރު "ބެސްޓް ފްރެންޑް" ގެ ނަމުގައެވެ. ފަހު އެޕިސޯޑް ގެނެސްދޭނީ "ބެލް" މި ނަމުގައެވެ.