ދުނިޔޭގެ އެންމެ އުހުގައި ހެދި އިންފިނިޓީ ޕޫލްއަކީ ފަތުރުވެރިންގެ މެދުގައި މިހާރު އެންމެ މަގުބޫލު އެއް ތަނެވެ. ދުބާއީގައި ހެދި މި ޕޫލް އެންމެ 700ރ. އަށް ބޭނުން ކުރެވެއެވެ. ދުބާއީގެ ޕާލްމް ޖުމެއިރަށް އައިލެންޑްގައި ދާދި ފަހުން ހުޅުވި މި ޕޫލް ހަދާފައި ވަނީ 50 ވަނަ ފަންގިފިލާގައެވެ.

ދުބާއީގައި ހުންނަ "ދަ އައުރާ ސްކައިޕޫލް" އަކީ ދުނިޔޭގެ ފުރަތަމަ މިފަދަ 360 ޑިގްރީގެ އިންފިނިޓީ ޕޫލް ކަމަށްވާއިރު، މި ޕޫލް ތައްޔާރުކޮށްފައި ހުންނަނީ 200 މީޓަރު (656 ފޫޓު) އުހުގައެވެ. މި ޕޫލަށް މިހާރުވެސް ގިނަ ބައެއްގެ ލޯތައް ދަނީ އަމާޒުވަމުންނެވެ.

ފޮޓޯއިން ފެންނަނީ ޕޫލްގެ ސަންބެޑް ތަކާއި ތުވާލިތަކާއި ކުޝަންތަކެވެ. މިތަނުން ޕާމް ޖުމެއިރާ އާކިޕެލަގޯގެ ހިތްގައިމު ތަސްވީރުވެސް ރީއްޗަށް ފެނެއެވެ.

ބްރިޖު އަލް އަރަބް ހޮޓަލާއި ބްރިޖު ޚަލީފާ ސްކައިސްކްރޭޕާ ފަދަ ތަންތަންވެސް ވަރަށް ފުރިހަމައަށް މި ޕޫލުގައި ހުންނައިރު ފެނެއެވެ.

މިއީ ދުބާއީގެ އެންމެ ފުރިހަމަ މަންޒަރުތައް ދައްކުވައި ދޭނެ އާ މަންޒިލެއް ކަން ޔަގީނެވެ.

750 އަކަމީޓަރު (8000 އަކަފޫޓު) ގެ ޕޫލް ޑެކްގައި ސަން ލޯންޖުތަކާއި ގޮނޑިތައް ބަހައްޓާފައި ހުންނައިރު ދުބާއީ މެރީނާ އާއި އައިން ދުބާއީ އޮބްޒަވޭޝަން ވީލްގެ ސްކައިސްކްރޭޕާތައް އުދަރެހުން ފެންނަން ހުރެއެވެ.

އައުރާ ސްކައިޕޫލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަތުރުވެރިން ހިތްގައިމު ސަރަހައްދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މިތަނުގެ ޓިކެޓުގެ އަގަކީ ބޮލަކަށް 34 ޕައުންޑް (703ރ.) އެވެ. މުޅި ދުވަހުގެ "ވީއައިޕީ އައިލެންޑް" ތަޖުރިބާއަށް 122 ޕައުންޑް (2,525ރފ.) އެވެ. ހުރިހާ ބުކިންއެއްގައި ވެސް ސަންބެޑާއި ލައުންޖަށް އެކްސެސް ވުމާއި "ބީސްޕޯކް ވެލްކަމް ޕެކް" ހިމެނޭ ކަމަށް މިތަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދުބާއީ އަކީ ދިވެހިންގެ ތެރޭގައިވެސް މަގުބޫލު މަންޒިލަކަށްވާއިރު މި ތަނަށް ވެސް ދިވެހިންގެ ނަޒަރު ހުއްޓޭނެ ކަން ކަށަވަރެވެ.