ހަމަ ޔަޤީނުންވެސް ޖައްވަށް ދިއުމަކީ އެތައް ބަޔަކު ކުރަން ބޭނުންވާނޭ ކަމެކެވެ. އެއީ، އެތައް ބައެއްގެ "ބަކެޓް" ލިސްޓުގައި ހިމެނޭ ކަމެއްކަންވެސް ޔަޤީނެވެ. ކުޑައިރު، އެކި ވަޒީފާތައް އަދާކުރާނަމޭ ބުނާއިރު، އެތައް ކުޑަކުދިންނެއް "އެސްޓްރޮނޯޓް" އަކަށް ވާނަމޭވެސް ބުނެ ހަދައެވެ. ފިލްމުތަކާއި ކާޓޫންތަކުގައި ދައްކާފަދަ ކަންތައްތައް ކުރާނަމޭ، އެތައް ކުދިންތަކެއް ބުނެ އުޅެއެވެ.

އެހެންނަމަވެސް، ބޮޑުވުމަށްފަހު، ކުޑައިރު ދެކުނު ހުވަފެން ހަޤީޤަތަކަށް ހަދަނީ މަދު ބައެކެވެ. އެހެންނަމަވެސް، އޭގެތެރޭގައި، 17 އަހަރުގެ ބްލޫބެރީ އެއް ނުހިމެނެއެވެ.

ބްލޫބެރީ އަކީ އެމެރިކާގެ ޖައްވީ އިދާރާ، ނޭޝަނަލް އެއިރޮނޮޓިކްސް އެންޑް ސްޕޭސް އެޑްމިނިސްޓްރޭޝަން (ނާސާ) ގެ އެންމެ އުމުރުން ހަގު އެސްޓްރޮނޯޓް އަށް ދީފައިވާ ކޯޑު ނަމެވެ. އޭނާގެ އަސްލު ނަމަކީ އަލީސާ ކާސަން އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަލީސާ މިހާރު ތައްޔާރުވަމުންދަނީ ވަރުގަދަ މިޝަން އަކަށް ދިއުމަށެވެ. އެއީ، ޖައްވީ ކަންތައްތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށްވެސް ޚާއްޞަ މިޝަން އަކަށްވާނެއެވެ. އެއީ، ނާސާ އިން މާސް އަށް އިންސާނުން ފޮނުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެކެވެ.

2033 ވަނަ އަހަރުގެ ތެރޭގައި އަލީސާ މާސް އަށް ދިއުމަށް ތައްޔާރުވަމުންދާއިރު، އޭނާއާއި އޭނާގެ ޓީމު، އެތަނަށް ގޮސް ކުރާނެ މަސައްކަތްތައްވެސް މިހާރުވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެތަނުގައި ކާބޯތަކެތި ހެއްދުމުގެ މަސައްކަތްތަކާއި އެތަނުގައި އެނޫންވެސް އެކްސްޕެރިމެންޓްތައް ހެދުން ހިމެނެއެވެ.

އަލީސާ ބުނެފައިވާ ގޮތުގައި، އޭނާގެ އެންމެ ކުޑައިރުންސުރެ ފެށިގެންވެސް ޝައުގުވެރިކަން ހުންނަނީ ޖައްވާއި މާސްގެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ހޯދުމަށެވެ. އެންމެ ކުޑައިރު ބެލި ކާޓޫނުތަކަކީވެސް އެފަދަ ކާޓޫނުތަކަށްވާއިރު، މާސް އަށް އެކި ރޯވަރ ތައް ޖައްސާ ވީޑިޔޯތައް ހޯދައިގެން ބެލުމަކީވެސް އޭނާގެ އާދައެކެވެ.

ނާސާގެ ހުރިހާ މަރުކަޒަކަށްވެސް އަލީސާ ޒިޔާރަތްކޮށްފައިވާއިރު، އެތަނުން މަރުކަޒެއްގައި އޭނާ ދަނީ ތަމްރީނުތައް ހަދަމުންނެވެ. 18 އަހަރޔ ނުވަނީހުން، ޤާނޫނީ ގޮތުން އެސްޓްރޯނޯޓް އެއްގެ ގޮތުގައި ޖައްވަށް ދިޔުމުގެ ހުއްދަ ނެތްކަމުގައިވިޔަސް، އުމުރުން ޒުވާންއިރު، މާސް އަށް ދިއުމުގެ ކުރިން އެހެން ޖައްވީ މިޝަން އަކަށް، އޭނާ ދާނެކަމަށް ބެލެވެއެވެ.