ބްރެޒިލްގެ ތަރި، ނޭމާ ޖޫނިޔާ ވޯލްޑް ކަޕުގެ މެޗުތަކުގައި ޢަމަލު ކުރާ ގޮތް ނަކަލުކޮށްގެން ބައެއް ދަރިވަރުން ޑައިވު އަޅާ، ދަނޑުމަތީގައި ކުޅިވަރުގެ ރޫޙާ ޚިލާފު ބައެއް ކަންތައްތައް ކުރާތީ، ސްކޫލެއްގައި ފުޓުބޯޅަ ކުޅުން މަނާކޮށްފިއެވެ. އެސްކޫލުގައި ފުޓުބޯޅަ ކުޅުން މަނާކޮށްފައިވަނީ އެސްކޫލުގެ ޕްރިންސިޕަލް އެވެ.

ނޭމާ ޑައިވު އަޅާގޮތަށް ދަރިވަރުން ޑައިވު އަޅާތީ، ފުޓުބޯޅަ ކުޅުން މަނާކޮށްފައިވަނީ އިނގިރޭސިވިލާތުގެ ކޮލްޝެސްޓާ ގައި ހުންނަ ސްކޫލެއްގައެވެ.

އެޤައުމުގެ މަޝްހޫރު ނޫހެއްކަމުގައިވާ "މިރާ" ގައި ބުނެފައިވާ ގޮތުގައި، ވޯލްޑް ކަޕުގައި ބްރެޒިލް ކުޅޭ މެޗުތައް ބަލައިގެން އައިސް، ދަރިވަރުން ދަނީ ސްކޫލުގެ ދަނޑުގައި ކުޅޭ މެޗުތަކުގައި ހަމަނުޖެހުން ހިންގާ، އެއް ކުއްޖަކު އަނެއް ކުއްޖަކާ ޒުވާބު ކުރަމުންނެވެ. އެކަމުގެ ސަބަބުން، އެކުދިންނަށް ނުރަނގަޅު އަސަރުތަކެއް ކުރަމުންދާކަމަށް، ސްކޫލުގެ ޕްރިންސިޕަލް ބުނެފައިވެއެވެ.

މެކްސިކޯ އާއި ދެކޮޅަށް ބްރެޒިލް ކުޅުނު މެޗަށް ފަހު މި ކަންތައްތައް ހިނގަމުންދާކަމަށް ޕްރިންސިޕަލް ބުނެފައިވާއިރު، އެތަނުގައި ތައުލީމު ހާސިލު ކުރަމުންދަނީ ހަތަރު އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންކަމަށްވެސް ޕްރިންސިޕަލް ބުނެފައިވެއެވެ.

"މިއީ އުމުރުން ހަތަރު އަހަރާއި 11 އަހަރުގެ ކުދިން، ބޮޑެތި ފުޓުބޯޅަ ކުޅުންތެރިން ކޮޕީ ކުރަނީ- މިކަމުގެ ސަބަބުން ބޮޑެތި ދެބަސްވުންތަކެއް އުފެދިއްޖެ." ޕްރިންސިޕަލް ބުނެފައިވެއެވެ.

ޕްރިންސިޕަލް އިތުރަށް ބުނެފައިވަނީ އޭނާއަކީ ކުޅިވަރު ކުޅުމާ ނުވަތަ ފުޓުބޯޅަ ކުޅުމާ ދެކޮޅު މީހެއް ނޫންކަމަށާއި، ސްކޫލުން ލިއްބައިދޭ މި ފުރުޞަތު ތަކަކީ އެކުދިންގެ ކުޅިވަރުގެ ކެރިއަރު ކުރިއަށް ގެންދަން ލިބޭ ފުރުޞަތެއްކަމުގައިވެސް ދެކޭ ކަމަށެވެ.

މިކަމާ ގުޅިގެން، އެސްކޫލުގެ ބައެއް ބެލެނިވެރިން ވަނީ ކަންބޮޑުވުމާއި ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، ބައެއް ފަރާތްތައް ބުނެފައިވަނީ ސްކޫލަކީ ކުދިން ފުޓުބޯޅަ ކުޅުމަށް ހިތްވަރު ދޭ ތަނަކަށް ވާން ޖެހޭނެކަމަށެވެ. އަދި، ވޯލްޑް ކަޕް ފަދަ ހަރަކާތްތަކަކީ ކުދިން ފުޓުބޯޅަ ކުޅޭހިތް ކުރުވާ ކަންކަމަށްވެސް ވާން ޖެހޭކަމަށް ޤަބޫލުކުރާކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

ވޯލްޑް ކަޕުގެ ރައުންޑް އޮފް 16 ގައި ބްރެޒިލް އާއި މެކްސިކޯ ކުޅުނު މެޗުގައި ނޭމާގެ ފަރާތުން ފެނުނު ޑައިވް ތަކަށް އެތައް ބަޔަކު ފާޑު ކިޔާފައިވެއެވެ. އަދި، އަނިޔާއެއް ނުވަނީސް "އެކްޓް" ކުރަނީކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

ރޭ ކުއާޓަރ ފައިނަލުގައި ބްރެޒިލް އާއި ބެލްޖިއަމް ކުޅުނު މެޗު ބެލްޖިއަމް އިން ކާމިޔާބު ކުރުމުން، ބްރެޒިލް ވަނީ މުބާރާތުން ކަޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮން ކުއްޖަކު ހޭ ޑައިވް ކުރީ!! ކޮބާ ހޭ ތިޔާ ވީޑިއޯ!!