ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރީތީ ޒިންތާ ސަރޮގެސީ މެދުވެރިކޮށް އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ.

ފިރިމީހާ ޖީން ގުޑްފުފުދޭގެ ފޮޓޯއެއް ޕޯސްޓްކުރަމުން ޓްވިޓާގައި އޭނާ ވަނީ ފޮލޯވަރުންނާ އެކު މި އުފާވެރި ހަބަރު ދީފައެވެ.

ޕްރިތީ ވަނީ އިންސްޓަގްރާމްގައި 8.5 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުންނާ މި ވާހަކަތައް ހިއްސާކޮށްފައެވެ. ޕްރީތީ އާއި ޖީން އަށް ލިބިފައި ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. މި ކުދިންނަށް ކިޔާފައިވާ ނަމަކީ ޖައި އާއި ގިއާ އެވެ.

”ދިރިއުޅުމުގައި މި އާ މަރުހަލާއާ މެދު ވަރަށް ހިތްހަމަޖެހިފައި. މި ހީވެސް ނުކުރާފަދަ ދަތުރުގައި ބައިވެރިވީތީ ޑޮކްޓަރުންނާއި ނަރުހުން އަދި އަޅުގަނޑުމެންގެ ސަރޮގޭޓް ކުދިންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން. " އޭނާ ލިޔެފައިވެއެވެ.

ޖީން އާއި ޕްރިތީ ކައިވެނި ކުރީ 2016 ވަނަ އަހަރު އެވެ. ކައިވެނި ކުރުމަށްފަހު ލޮސް އެންޖަލިސް އަށް ދިރިއުޅުން ބަދަލުކުރި ނަމަވެސް އޭނާ އަބަދުވެސް އިންޑިއާއަށް ޒިޔާރަތް ކުރެއެވެ.

ޕްރިތީގެ ޓްވިޓާގައި ފޭނުން ތަހުނިޔާގެ މެސެޖުތަކުން ފުރާލުމުންދާއިރު ރިޕޯޓްތައް ބުނާގޮތުން ސަރޮގެސީ މެދުވެރިކޮށް ޕްރީތީ އަށް މަންމައަކަށް ވީ އޭނާގެ އުމުރުން 46 އަހަރުގައިއެވެ.

ކުޅަދާނަ ފިލްމީތަރި ޕްރީތީ ގަވާއިދުން އިންސްޓަގްރާމްގައި ޕޯސްޓްތައް ޝެއާކޮށް، އޭނާގެ ފޭނުންނަށް އޭނާގެ ހަޔާތުގެ ތަސްވީރުތައް ދައްކުވައިދެއެވެ. ދާދި ފަހުން ކުޑަކުދިންގެ ދުވަހު ވެސް އޭނާ ވަނީ ބައެއް ފޮޓޯތައް ހިއްސާކޮށްފައެވެ.

"ސޯލްޖަރ"، "ކްޔާ ކެހްނާ"، "ދިލް ޗާހްތާ ހޭ"، "ކަލް ހޯ ނާ ހޯ"، "ކޮއި މިލް ގަޔާ“ ފަދަ ފިލްމުތަކުގައި ޕްރިތީގެ އެކްޓިން ފެނިގެންގޮސްފައިވެއެވެ.