ހިތްހަމަޖެހިލައިގެން އުފާވެރިކޮށް އުޅެމުން އައި މީހެކެވެ. އަޑުއިވުމާއި ވާހަކަދެއްކުން މަހްރޫމްވި ނަމަވެސް، ވަޒީފާއަށްވެސް ދިޔައެވެ. މަސައްކަތުގައި ޝާމިލްވެ އުޅުނެެވެ. އެކަމަކު މިއަދު އޭނާއަށް އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. ކ. އަތޮޅު ގާފަރަށް ނިސްބަތްވާ އަބްދުﷲ ނިޒާމް (39އ)ގެ ދެ ކިޑްނީ ވަނީ ފެއިލްވެފައެވެ. އޭނާ މިވަގުތު މާލޭގައި ޑަޔަލިސިސް ހަދަމުންދާއިރު، ކިޑްނީއެއްގެ އިންތިޒާރުގައި ހުންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. އެކަމަކު އަދި އެ ނަސީބު އަތުގައި ނުހިފައެވެ. މިކަމުގައި މިހާރު މުޅި އާއިލާ ވަނީ މާޔޫސްކަމެއްގެ ތެރޭގައެެވެ.

ނިޒާމްގެ ބައްޕަ އިބްރާހިމް ރަޝީދު "ވަގުތު"އަށް ބުނީ، ނިޒާމަކީ އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުޅުޅެދުންތެރިކަން ހުންނަ މީހެއް ކަމަށެވެ. އޭނާގެ ދެ ކިޑްނީ ފެއިލްވެގެން ޑަޔަލިސިސް ހަދަމުންދާތާ މިހާރު އަށް މަސްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަކީ 65 އަހަރުގެ މީހެއް، އަޅުގަނޑުގެ އަންހެނުންނަކީ ދާއިމީ ބައްޔަކަށް ބޭސްކާ މީހެއް، އެހެންވީމަ އަޅުގަނޑުމެންގެ ކިޑްނީ ނުނެގޭނެ ކަމަށް ބުނީ، އެކަމާއި އަޅުގަނޑުމެން މި ވަނީ މާޔޫސްވެފައި" އިބްރާހިމް ރަޝީދު ބުންޏެވެ.

ކުރީ ސަރުކާރުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާދޭން ފަށައި އަބްދުﷲ ނިޒާމްއަށް ރަށުގެ އިންޖީނުގެއިން ވަޒީފާ ލިބުނެވެ. ނަމަވެސް ވަޒީފާ ލިބިގެން ރަށަށް ދާން އުޅުނުއިރުވެސް އޭނާ ވަަރަށް ބަލިކަން އެނގުނެވެ. އެހެންވެ ޓެސްޓުތައް ހެދިއެވެ. ޓެސްޓުތައް ހެދުމުން ކިޑްނީގެ މައްސަަލަ ހުންނަކަން އެނގުނެވެ. މިއާއެކު އިންޑިއާއަށާއި، ތަންތަނަށް ބޭސް ފަރުވާއަށް ގޮސް އޭނާގެ ސިއްހީ މައްސަލަތައް ރަނގަޅުވޭތޯ ބެލިއެވެ.

"އެކަމަކު ކޮވިޑް އައިސްގެން ބޭރަށް ނުދެވުނީ، އެހެންވެ އުނގޫފާރަށާއި ތަންތަނަށް ގޮސް، އެތަނުގައި ކިޑްނީގެ ޑޮކްޓަރެއް ނުހުރޭ، ދޭ ބޭހެއް ބޭނުން ކުރަނީ، އެހެން އުޅެނިކޮށް މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން ކިޑްނީގެ ހާލަތު ދަށް ކަމާއި، ޑަޔަލިސިސް ހަދަން ހޮޅި ގުޅަން ޖެހޭ ކަމަށް ބުނި" އަބްދުﷲ ނިޒާމްގެ ބައްޕަ ކިޔައިދިނެވެ.

މީގެ ކުރިން އޭނާ ޑަޔަލިސިސް ހަދަން ޖެހެނީ ހަފްތާއަކު ދެ ފަހަރުއެވެ. މިހާރު ހަފްތާއަކު ތިން ފަހަރު ޑަޔަލިސިސް ހަދަން ޖެހެއެެވެ. ޑަޔަލިސިސް ހަދަނީ އައިޖީއެމްއެޗުންނެވެ.

މިވަގުތު މި އާއިލާ ތިބީ މާލޭގައެވެ. އެޕާޓްމެންޓެއް ކުއްޔަށް ހިފައިގެންނެވެ. މި ހަރަދުތައް ބަަލަހައްޓަނީ އިބްރާހިމް ރަޝީދަށް ލިބޭ ފައިސާއި ދަރިންނާއި އާއިލާ މީހުންގެ އެހީގައެވެ. ފައިސާގެ ގޮތުންވެސް އެ އާއިލާ ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

އަބްދުﷲ ނިޒާމްގެ އަންބަކާއި ދެ ދަރިންވެސް އެބަތިއްބެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީވެސް ހާއްސަ އެހީއަށް ބޭނުންވާ މީހަކާއެވެ.

އެ އާއިލާއިން ބޭނުންވަނީ އަވަހަށް އަބްދުﷲ ނިޒާމްއަށް ފަރުވާއެކެވެ. އޭނާއަށް ކިޑްނީއެއް ދޭނެ މީހަކު ވުމެވެ. އަދި ފައިސާގެ އެހީއެއްް ވެދެވެން އޮތް މިންވަރަކަށް އެފަދަ އެހީވެސް ބޭނުންވާ ކަމަށް އިބްރާހިމް ރަޝީދު ބުންޏެވެ.

"މިހާރުވެސް ފައިސާ އެބަ ބޭނުންވޭ، އަޅުގަނޑަށް މި ލިބެނީ 5000 ރުފިޔާ، ކުދިންގެ އެހީގައި ބާކީ ހަމަޖައްސައިގެން 15000 ރުފިޔާއަށް ތަނެއް ކުއްޔަށް ނަގައިގެން ތިބެނީ، ކަރަންޓް ބިލާއި، ފެންބިލަށްވެސް ދޭ ވަރަށް ބޮޑު އެއްޗެއް، އަޅުގަނޑުމެންނަށް ރަނގަޅީ ހުރިހާވެސް އެހީއެއް، އެކަމަކު މިހާރު އަޅުގަނޑުމެން އެންމެ ބޭނުންވަނީ ކިޑްނީއެއް" މިހާރު ހުރި ހާލަތުން އާއިލާއަށް ފައިސާވެސް ބޭނުންވާކަން ހާމަކޮށް އިބްރާހިމް ރަޝީދު ބުންޏެވެ.

ނިޒާމްގެ ބައްޔާއި ބެހޭ އިތުރު މައުލޫމާތު އޮޅުންފިލުވައި އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އޭނަގެ ބައްޕަގެ ފޯން ނަމްބަރު 7509977 އަށް ގުޅައިގެން މައުލޫމާތު ސާފުކޮށްދިނުން އެދެމެވެ. އަދި ފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންވާ ފަރާތްތަކުން އޭނާގެ މަންމަގެ ބީއެމްއެލް ރުފިޔާ އެކައުންޓް 7770000046343 (ސޮފިއްޔާ އަބޫބަކުރު) އަށް ފައިސާ ޖަމާކޮށްދިނުމަށް އެދެމެވެ.


މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން