"ކަސޯޓީ ޒިންދަގީ ކޭ" އަކީ ހިންދީ ޑްރާމާތަކުގެ މަންމައެވެ. އެވަރުގެ މަޤުބޫލުކަމަކާއި މަޝްހޫރުކަމެއް، އެފަދަ އެހެން އުފެއްދުމަކަށް އަދި ލިބިފައި ނުވެއެވެ. ކޮންމެ ހިންދީ ޑްރާމާ ސިލްސިލާ އަކަށް ކަސޯޓީ އޭ ބުނުމަކީ، މިކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވާ ކަމެކެވެ.

ބެލުންތެރިންގެ މެދުގައި އެތައް މަޤުބޫލުކަމެއް ހޯދާފައިވާ "ކަހާނީ ގަރް ގަރް ކީ"، އެނބުރި ޓީވީ ސްކްރީނަށް އަންނަ ޚަބަރު، ދާދިފަހުން އިވިފައިވެއެވެ. މި ޚަބަރު އިވުމުންވުންވެސް، ކުރިން މި ސިލްސިލާ ބެލުމަށް ފޯރި ހުރި އެތައް ބަޔަކު އުފަލުން ފޮޅިފައިވެއެވެ.

ދެން މިއޮތީ އެއަށްވުރެވެސް އުފާވެރި ޚަބަރެކެވެ. ކަސޯޓީގެ ދެވަނަ ސީޒަނެއް، އަންނަ އޯގަސްޓު މަހު ދައްކަން ފަށާނެކަމަށް ވަރަށް ޔަޤީންވެފައިވާ ޚަބަރެކެވެ. އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ، އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ ދެވަނަ ސީޒަނުގެ އެޕިސޯޑުތައްވެސް ދައްކާނީ، އެ ސިލްސިލާ އެންމެ ކުރިންވެސް ދެއްކި ސްޓަރ ޕްލަސް އިން ކަމަށެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، މި ޑްރާމާގައި ލީޑު ރޯލުން ފެނިގެންދާނީ، އެރިކާ ފެނާންޑޭސް އެވެ. އޭނާ ލައްވާ، އެޕިސޯޑުތައް ޝޫޓުކުރުމުގެ މަސައްކަތް ފަށާފައިވީކަން ނޭނގުނުކަމުގައިވިޔަސް، ފެށުމުގެ ކުރިން ދައްކާ އިޝްތިހާރެއް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

ކަސޯޓީގެ ދެވަނަ ބައިން ޕްރާނާގެ ރޯލުން އެރިކާ ފެންނާނެކަން، ދާދި ޔަޤީންވެފައިވާއިރު ފިރިހެން ލީޑު ރޯލުން ފެނިގެންދާނީ ޝަހީރު ޝޭޚް އެވެ.. ޕްރާނާގެ ރޯލަށް ހަމަޖައްސާފައިވާ އެރިކާ އަކީ ޓީވީ ޑްރާމާގެ ދާއިރާގައި އެހާ ތަޖުރިބާކާރު މޫނަކަށް ނުވާއިރު، އޭނާ އެންމެ ފަހުން ފެނިފައިވަނީ "ކުޗް ރަންގ ޕްޔާރް ހޭ" ނަމަކަށް ކިޔާ ސިލްސިލާ އަކުންނެވެ.

މިފަހަރުވެސް ކަސޯޓީ ޕްރޮޑިއުސް ކުރަނީ އެފަދަ ދެވަނައެއް ނެތް އެކްތާ ކަޕޫރެވެ.