ދެކުނު ކޮރެޔާގެ ޑުރާމާތަކާއި ފިލުމުތަކުން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ޕާކް ޝީން ހައެ އާއި ދެކުނު ކޮރެޔާގެ އެކްޓަރ ޗޮއި ތައެ ޖޫން އަންނަ އަހަރު ޖެނުއަރީ މަހު ކައިވެނި ކުރަން ނިންމައިފިއެވެ. 

މިއަދު ހެނދުނު ޕާކް ޝިން ހައެގެ ރަސްމީ އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ވަރަށް އަވަހަށް ކައިވެނި ކުރުމަށް ނިންމާފައިވާ ކަމަށެވެ. 

ޕާކް ޝިން ފިލްމީ ދާއިރާއަށް ނުކުތީ މީގެ 20 އަހަރު ކުރިންނެވެ. އެއިރު އޭނާ ދިޔައީ ގްރޭޑް ހައެއްގައި ކިޔެވަމުންނެވެ. އޭނާ ބުނެފައި ވަނީ މިހާރު އޭނާއަށް ލިބިފައިވާ ލޮތްބާއި އެހީތެރިކަމުން ލިބުނު އެއްޗެއް ކަމަށެވެ. 

އެތައް ޕްރޮޖެކްޓެއްގައި މަސައްކަތްކޮށް އެކްޓިންގެ ހުނަރު ދައްކާދީ، ކެމެރާގެ ކުރިމަތީގައި އުފަލާއި އެކު މަސައްކަތް ކުރި ކަމަށާއި ދަތި އުދަނގޫތަކާއި އެކުގައި ވެސް މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ހުރިހާ ކަމެއް ކޮށްފައިވަނީ ސަޕޯޓަރުންނަށް ފުރިހަމަ މަސައްކަތެއް ގެނެސްދިނުމަށް ކަމަށް ޝިންގެ ޕޯސްޓުގައިވެއެވެ. 

ޝިން ކައިވެނި ކުރަން އުޅޭ ކަމުގެ ޚަބަރު އެންމެ ފުރަތަމަ ހިއްސާ ކުރަން ބޭނުންވަނީ ވެސް ސަޕޯޓަރުންނާއި ކަމުގައި ވާތީ އެކަން ސަޕޯޓަރުންނާ ހިއްސާ ކުރުމަށް ކުރި ޕޯސްޓެއް ކަމަށް ވެސް ބުނެފައިވެއެވެ. 

ޝިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބައިވެރިއާއި އެކު ކައިވެނި ކުރުމަށް ތައްޔާރުވެފައިވާއިރު، ވަރަށް އަވަހަށް އެނބުރި މަސައްކަތަށް އަންނާނެ ކަމަށް ސަޕޯޓަރުންނަށް ޔަގީންކަން ދީފައިވެއެވެ. 

ޝިންގެ އެޖެންސީ ސޯލްޓް އެންޓަޓެއިންމަންޓުން ބުނެފައިވަނީ ޝިންއާއި ޗޮއި ތައެ ޖޫން އަންނަ އަހަރު ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ކައިވެނި ކުރުމަށް ނިންމާފައިވާ ކަމަށެވެ.