ހަންގަނޑަށް ޖެހޭ ކެންސަރުން ރައްކާތެރިވުމަށް ކާން އެންމެ ރަނގަޅީ ވިޓަމިން އޭ ލިއްބައިދޭ ކާނާ ކަމަށް އެމެރިކަން މެޑިކަލް އެސޯސިއޭޝަން ޑަރމެޓޮލޮޖީގެ ދިރާސާއަކުން ދައްކައިފިއެވެ.

އެންމެ އާއްމުކޮށް ޖެހޭ ކެންސަރުގެ ތެރެއިން ދެވަނައަށް އެންމެ ގިނައިން މީހުންނަށް ޖެހޭ ކެންސަރަކީ ހަމުގެ ކެންސަރެވެ. އަދި ހަންގަނޑުގެ ކުލަ އަލި މީހުންނަށް ހަމުގެ ކެންސަރު ޖެހުން ގާތްކަމަށް ވެސް މި ދިރާސާގައި ބުނެފައިވެއެވެ. 

ވިޓަމިން އޭ އަކީ ހަންގަނޑުގެ ސެލްތައް ސިއްހީގޮތުން ރަނގަޅަށް ހެދި ބޮޑުވުމަށް އެހީވެދޭ މާއްދާއެއް ކަމާއި އެހެންކަމުން ހަމުގެ ކެންސަރުން ރައްކާތެރިވުމަށް ކެއުމުގައި ވިޓަމުން އޭ ގިނަ ކުރަން ޖެހޭނެ ކަމަށް ވެސް މި ދިރާސާގައިވެއެވެ. 

''ހަމުގެ ކެންސަރުގެ ތެރެއިން ސްކޮއަމޮސް ސެލްއަކީ ފަސޭހަކަމާއި އެކު ޖެހޭ ބައްޔެއް. ނަމަވެސް މި ދިރާސާއަށް ފަހު ބުނާނީ މި ބަލިން ރައްކާތެރިވުމަށް ވިޓަމިން އޭ ހިމެނޭ ބާވަތު ކާނާ ކެއުމުން ނުރައްކާތެރިކަން ކުޑަކޮށްދޭ. އޭގެއިތުރުން އިރުގެ އަލިން ހަންގަނޑު ރައްކާތެރި ކުރުމާއި ސަން ސްކްރީން ވެސް ބޭނުން ކުރަންވާނެ'' ދިރާސާގެ އިސް ފަރާތް ކަމުގައިވާ އުން ޔަންގް ޗޯ ވިދާޅުވެފައިވެއެވެ.

ވިޓަމިން އޭ ލިއްބައިދޭ ބައެއް ބާވަތްތަކަކީ އޮޅުއަލަ، ކެރެޓް، ފެހިކަން ގަދަ ތަރުކާރީ، އެޕްރިކޮޓްސް، ކިރުގެ ބާޥަތްތައް، ބައެއް ބާވަތްތަކުގެ މަސް ފަދަ ބާވަތްތަކެވެ. 

ވިޓަމިން އޭ ގެ ބާވަތްތައް ކެއުމުގައި ހިމަނާއިރު ވެސް ގަސްގަހުން ލިބޭ ފެހިކަން ގަދަ ބާވަތްތައް ރަނގަޅު ވާނެ ކަމަށް ވެސް މި ދިރާސާއިން ފާހަގަ ކޮށްފައިވެއެވެ.