ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރަންޔޫބީލް މިއަހަރު ފާހަގަކުރަމުންދަނީ ގިނަ ކަންކަން ހިމެނޭ ގޮތަށް ވަރަށް ފުރިހަމައަށެވެ. ޕަބްލިކް ސެކްޓަރގެ އިތުރުން، ޕްރައިވެޓް ސެކްޓަރގެ ވަރަށް ގިނަ ކުންފުނިތަކުންވެސް މި އިހްތިފާލުތަކުގައި ބައިވެރިވާއިރު ދުބާއީ ހިމެނޭގޮތަށް ޔޫއޭއީގެ ބައެއް ހިސާބުތަކުގައި ހިލޭ އައިސްކްރީމް ބަހާގޮތަށް މިވަނީ ހަމަޖެހިފައެވެ.

ޔޫއޭއީގައި އައިސްކްރީމް ވިއްކާ ކުންފުންޏަކުން ބުނީ އެކުންފުނީގެ އައިސްކްރީމް ޓްރަކްތަކުން ޝާރުޖާ، ދުބާއީ، އަބޫދާބީ އަދި އަޖްމާން ގެ އެކި އަވަށްތަކަށް ހިލޭ އައިސްކްރީމް ލިބެމުންދާނެ ކަމަށެވެ.

ހިލޭ އައިސްކްރީމް ބަހަމުންދާ ފަރާތްތަކުން ބުނީ އާންމުންނަށް ލިބޭ އައިސް ކްރީމްތަކުގެ ތެރޭގައި ވެނީލާ، ސްޓްރޯބެރީ، ޗޮކްލެޓް، އަދި ޕިސްޓާޗިއޯ ހިމެނޭނެ ކަމަށެވެ.

ގައުމީ ދުވަހާއި ދިމާކޮށް ދުބާއިގައި އެކި ފަރާތްތަކުން ބޮޑެތި ސޭލްތައް ކުރިޔަށްގެންދާއިރު ބައެއް ފިހާރަތަކުން ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމުތައް ލިބޭގޮތަށް ލަކީޑްރޯތައްވެސް ކުރިޔަށްގެންދާކަން ފާހަގަ ކުރެވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މުއްސަންދިންނާއި އެކި ފަންތީގެ ފަރާތްތައް ދުބާއީ ހިމެނޭގޮތަށް ޔޫއޭއީގެ އެކި ހިސާބުތަކަށް ދެއެވެ. އެންމެ ގިނަބަޔަކު ދާ އެއް ސިޓީގެ ގޮތުގައި ދުބާއީ ވެފައިވާއިރު މިއީ ފަތުރުވެރިންގެ އެންމެ މަގުބޫލު މަންޒިލްތަކުގެ ތެރޭގައި ހިމެނޭ އެއް ސިޓީއެވެ.