އިންޑިއާގެ ބެންގަލޫރޫ ރޫރަލް ޑިސްޓްރިކްޓްގެ ދީވާނާހަލީގައި ހުންނަ ޕޯޝް ރިސޯޓެއްގައި މަޑުކުރި ފަތުރުވެރިޔަކު ބިލް ނުދައްކާ ފިލައިފިއެވެ.

ރިސޯޓް މެނޭޖްމަންޓުން ބުނީ އަންދްރަ ޕްރަދޭޝްގެ ޕުއްތަޕަތީގައި ދިރިއުޅޭ ކޭ ރާޖޭޝް ނަމަކަށް ކިޔާ އެ ގެސްޓް މީހާ ޖުލައި މަހުން ފެށިގެން އެތަނުގައި މަޑުކޮށްގެން ހުރި ކަމަށެވެ. ސެޕްޓެމްބަރު މަހު އެ ފަތުރުވެރިޔާ ވަނީ އެދުވަހާއި ހިސާބަށް 8 ލައްކަ ރުޕީސް ދައްކާފައި ކަމަށާއި އޭގެ ފަހުން ވެސް އެ ރިސޯޓުގައި އޭނާ ހުރިކަމަށް ބުންޏެވެ.

އެއަށް ފަހު މި މަހުގެ ދެވަނަ ހަފްތާއާއި ހިސާބަށް އެ ރިސޯޓުގައި ހުރުމަށްފަހު އޭނާ ވަނީ ބިލް ނުދައްކާ ފިލާފައެވެ.

ކެމްޕެގޮޑާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ މި ރިސޯޓުގެ މެނޭޖަރު ޔެޝްވަންތު، ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ރާޖޭޝް ތައާރަފް ވެފައިވަނީ، އޭނާ އަކީ އަންދްރަ ޕްރަދޭޝް އާއި ބެންގަލޫރޫގައި ބިންތަކެއް ހުރި މީހެއްގެ ގޮތުގައެވެ. އަދި އޭނާ އަކީ ވިޔަފާރިއެއް ވެސް ހިންގަމުން އަންނަ މީހެއް ކަމަށް ބުނެފައިވެެއެވެ.

މެނޭޖަރ ޔެޝްވަންތު ބުނީ ރާޖޭޝް އަކީ 2020 ވަނަ އަހަރުގެ މެދުތެރެއިން ފެށިގެން ގަވާއިދުން އަންނަ ކަސްޓަމަރެއް ކަމަށެވެ. ގިނަ ފަހަރަށް އެއް ކޮޓަރިއެއްގައި 3-4 ދުވަސް ވަންދެން މަޑުކުރާ ކަމަށާއި، ބައެއް ފަހަރު އެއްމަސް ނުވަތަ ދެމަސް ދުވަހު މަޑުކުރާ ކަމަށެވެ. އެއިން ކޮންމެ ފަހަރަކު ވެސް ކޮޓަރިތަކުގެ އިތުރުން ކާއެއްޗެހީގެ ބިލްތައް ވަގުތުން ދައްކާހަދާ ކަމަށް މެނޭޖަރ ބުނެއެވެ. އަދި ޖުލައި މަހުގެ 23ވަނަ ދުުވަހު ވެސް އެ ފަތުުރުވެރިޔާ ރިސޯޓުގެ ކޮޓަރިއެއް ހިފާފައިވަނީ ދުވާލަކަށް 7،850 ރުޕީސް އަށެވެ.

"ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް ބިލްތައް ދެއްކީ. ދެން އެދުނީ ވިޔަފާރީގެ ބޭނުމަކު އޭނާ މަޑުކުރާ މުއްދަތު އިތުރުކޮށްދިނުމަށް. ދުވަސްވީ ކަސްޓަމަރަކަށް ވުމާއި، ބަރާބަރަށް ބިލްތައް ދައްކަމުން އަންނާތީ އެއްވެސް އެޑްވާންސަކާއި ނުލައި އެކަމަށް މެނޭޖްމެންޓުން ހުއްދަ ދިނީ،" ޓައިމްސް އޮފް އިންޑިއާއަށް މައުލޫމާތުދެމުން ޔެޝްވަންތު ބުނެފައިވެއެވެ.

ރިސޯޓް މެނޭޖްމަންޓުން ހުށަހެޅި ޝަކުވާގެ މައްޗަށް ބިނާކޮށް ރާޖޭޝްގެ މައްޗަށް އިންޑިއާގެ ޕީނަލް ކޯޑުގެ 406 ވަނަ މާއްދާ ގެ ދަށުން އިތުބާރު ގެއްލުވާލުމުގެ ކުށުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ކުރަން ވަނީ ނިންމާފައެވެ. މިހާތަނަށް ފުލުހުންގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ރާޖޭޝް މީގެ ކުރިން ވެސް މިފަދަ ކުށްތަކަށް އަރައިގެންފައިވާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު