ބޮލީވުޑު ޚަބަރުތަކުގެ ތެރެއިން އެންމެ ފޯރިއާއި އެކު މިހާރު ދެކެވެމުންދާ އެއް ވާހަކައަކީ ކެޓްރީނާ ކެއިފްއާއި ވިކީ ކޯޝަލް އަންނަ ޑިސެމްބަރު މަހު ކައިވެނި ކުރުމަށް ތައްޔާރު ވަމުންދާ ވާހަކައެވެ.

ކެޓްރީނާ ޢާއި ވިކީ ކައިވެންޏާއި ބެހޭގޮތުން އެއްވެސް އެއްޗެއް ރަސްމީކޮށް ބުނެފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓްތަކުގައިވާ ގޮތުން ކެޓްރީނާ އާއި ވިކީގެ ކައިވެނި ޑިސެމްބަރު މަހު ރާޖަސްތާނުގެ ފޯޓް ރިސޯޓެއްގައި ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ.

އެންމެ ފަހުގެ ޚަބަރުތަކުގައިވާ ގޮތުން ކެތުރީނާއާއި ވިކީގެ ކައިވެނި ހަފުލާއަށް ފޯނު ގެންދިޔުން ވަނީ މަނާ ކޮށްފައެވެ.

ކައިވެނި ހަފުލާގެ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ވެސް އެމީހުންގެ ހުއްދަ ނެތި މީޑިއާއާއި ހަމައަށް ދިޔަ ނުދިނުމަށް ފޯނު ގެންދިޔުން މަނާކޮށް، އެކަންތައްތައް ރަނގަޅަށް ބެލެހެއްޓުމަށް ހަފުލާ މެނޭޖު ކުރާ އެޖެންސީއަށް ކެތުރީނާއާއި ވިކީ އަންގާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން އެމީހުންގެ ޕްރައިވެސީއާއި ސެކިޔުރިޓީއަށް ވެސް ވަކީން ހާއްސަ ޓީމެއް ކަނޑައަޅާފައިވެއެވެ.

ދެ ފަރާތުގެ އާއިލާގެ އިތުރުން ބޮލީވުޑު ފިލުމު އިންޑަސްޓްރީގެ ވެސް ބައެއް ފަންނާނުން ހާޒިރުވާ މި ހަފުލާގައި ފޯނު އެތެރެއަށް ނުގެންދިޔުމުގެ ގަވާއިދަށް އެންމެން ވެސް ތަބާވާން ޖެހޭނެ އެވެ.

މީގެ ކުރިން ޕްރިޔަންކާ ޗޯޕްރާއާއި ނިކް ޖޯނަސްގެ އިންޑިޔާގައި ބޭއްވި ކައިވެނީގެ ހަފުލާގައި ފޯނު ގެންދިޔުން މަނާ ކުރިއެވެ. ދީޕިކާ ޕާޑުކޯންއާއި ރަންވީރު ސިންގް ވެސް މިގޮތަށް ކަންތައްތައް ކޮށްފައެވެ.