"ދި ވޮއިސް ކިޑްސް ރަޝިއާ" ލަވަ މުބާރާތުގައި ރާއްޖޭގައި ކުރިއަރަމުން އަންނަ ލަވަ ކިޔުންތެރިޔާ ލައިބާ އަހުމަދު މަހުލޫފު (އެލީ) ބައިވެރިވެ، ދެވަނަ ރައުންޑަށް ކޮލިފައިވެއްޖެއެވެ.

އެލީ ކުރި ޓްވީޓެއްގައި ބުނީ މި މުބާރާތުގައި ބައިވެރިވުމަށް ރިކޯޑިންގ ހުށަހެޅީ މިދިޔަ އޮގަސްޓް މަހުގައި ކަމަށެވެ. އަދި ކުރިޔަށް އޮތް ރައުންޑް، ޕްރޮޑިއުސަރުންގެ އޮޑިޝަނަށް ކޮލިފައިވެފައިވާކަން އެނގުނީ އިއްޔެ ކަމަށް އޭނާ ބުންޏެވެ.

އެލީ ބުނީ ވޮއިސް ކިޑްސް ރަޝިއާގެ އޮންލައިން އޯޑިއެންސްގައި ބައިވެރިވުމަށް ޖޫން މަހުން ފެށިގެން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. އަދި ކުރިޔަށް އޮތް ރައުންޑު ކާމިޔާބު ވެއްޖެނަމަ ލައިވް ޝޯއިން އޭނާ ފެނިގެންދާނެކަމަށް ބުނެފައިވެއެވެ.

ދަރިފުޅަށް ލިބުނު ކާމިޔާބީ ފާހަގަކޮށް، ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ އިއްޔެ ދިމާވި އެންމެ ބަރާބަރު ކަންތައް ކަމަށެވެ. އެލީގެ ބުރަ މަސައްކަތާއި ހިތްވަރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 7 އަހަރާއި 11 އަހަރާއި ދެމެދުގެ ކުދިން ބައިވެރިވާ މި ލަވަ މުބާރާތުގެ ޕްރޮޑިއުސަރުންގެ އޮޑިޝަނަށް ކޮލިފައިވެފައިވާކަން އޭނާ ފާހަގަކުރީ ފަހުރުވެރިކަމާ އެކުއެވެ.

"ވަރަށް އުފާވޭ އެލީ އޭނާގެ ބުރަ މަސައްކަތުން ޕްރޮޑިއުސަރުގެ އޯޑިއަންސަށް ކޮލިފައިވީތީ. ޕްރައުޑް އޮފް ހާ" މަހްލޫފް ވިދާޅުވެފައިވެއެވެ.

ކުޑައިރުން ފެށިގެން ލަވަކިޔައި، ލަވަކިޔުމުގެ ދާއިރާގައި ފިޔަޖަހަމުން އަންނަ އެލީގެ ރީތި އަޑުން ވަނީ ބައެއް ލަވަތައް ކިޔާފައެވެ. އެގޮތުން، "ޑާންސް މަންކީ"، ""ޗީޕް ތްރިލްސް"، އަދި "ކިޔާ ދޫތަކުން" ގެ ކަވާތައް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ހައްވަ

  މަރުހަބާ އެލީ ތި ކުރާހިތްވަރަށް

  10
  28
 2. Anonymous

  ލޮބުވެތި ދަރިކަނބަލުންނަށް ރަން ވަނަ ލިބުން ދުޢާއަކީ
  ހުރިހާ ކަމެއްގައިވެސް ކާމިޔާބު ދެއްވާށި އާމީން

  8
  15