އިނގިރޭސިވިލާތުގައި ހިނގި ހާދިސާއެއްގައި ހޭނެތިގެން ބިންމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއަށްފަހު، އޭނާ ސަލާމަތްކޮށްފައި ވަނީ އޭނާގެ ތިން އަހަރުގެ ފިރިހެން ދަރިފުޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުމުރުން 33 އަހަރުގެ ކޭލާ ބޮފޭ ނަމަކަށް ކިޔާ އެއަންހެން މީހާ ހޭނެތިފައިވަނީ ސިޑިން ފައިބަނިކޮށް ކަހާލައިގެން ވެއްޓި ބޯ ޖެހިގެން ކަމަށް ރިޕޯޓްތަކުން ބުނެފައިވެއެވެ. އޭނާ ވެއްޓުނު ވަގުތު އެ މަންޒަރު އޭނާގެ ތިން އަހަރުގެ ތޯމަސް ބޮފޭ އަށް ފެނުނެވެ. މިއާއެކު އެ ކުއްޖާ އަވަސް ވެގަތީ މަންމަ ސަލާމަތް ކުރުމަށެވެ.

މަންމަ ބިންމައްޗަށް ވެއްޓުމުން ވާހަކަދެއްކި ނަމަވެސް އެއްވެސް ކަހަލަ އިޝާރާތެއް ނުކުރުމުން ކުއްޖާ ވަނީ ފުލުހުންނަށް ގުޅާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ކުއްޖާއަށް ފުލުހުންނަށް ގުޅަން އެނގިފައިވަނީ ކުޑަކުދިންނަށް ހާއްސަ ކޮށްގެން އެގައުމުގައި ދައްކަމުން އަންނަ ކާޓޫނު ސީރީޒް އެއް ކަމަށްވާ 'ރޮބޮކާ ޕޮލި' ބަލައިގެންނެވެ.

"އޭނާ ސިޓިން ރޫމަށް ގޮސް ފޯނު ނަގައިގެން ފުލުހުންނަށް ގުޅީ. އެކަމަކު ފުލުހުންނަށް އޭނަ ބުނި އެއްޗެއް ނޭނގޭތީ އެގެއަށް އައީ. ފުލުހުން އައުމުން ގޭޓު މަތިން ބޭރަށް ފުންމާލައިގެން އެމީހުން ގެއަށް ވެއްދީ" ކުއްޖާގެ މަންމަ އާއި ހަވާލާދީ ރިޕޯޓްގައި ބުނެފައިވެއެވެ.

މި ހާދިސާގައި ކޭލާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު މިހާރު ގެއަށް ދޫކޮށްލާފައެވެ. އަދި ކޭލާ ބުނެފައިވަނީ އޭނާގެ ދަރިފުޅު ދެކެ ނިކަން އޭނާ ފަހުރުވެރިވާ ކަމަށެވެ.