ދެކުނު ކޮރެޔާގެ ލަވަކިޔާ ގުރޫޕެއް ކަމުގައިވާ ބްލެކް ޕިންކުގެ މެމްބަރު ލިސ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ލިސާ ކޮވިޑަށް ފައްސިވުމާއި އެކު އެ ގުރޫޕުގެ އަނެއް ތިން މެމްބަރުން ކަމުގައިވާ ޖިސޫއާއި ޖެނީއާއި ރޯސް ވަނީ ކޮވިޑް ޓެސްޓް ހަދާފައެވެ. އަދި މިހާރު މި ތިން މެމްބަރުން ވެސް ތިބީ ކޮވިޑު ޓެސްޓްގެ ނަތީޖާގެ އިންތިޒާރުގައެވެ.

ބްލެކް ޕިންކްގެ އެޖެންސީ ވައިޖީ އެންޓަޓެއިންމަންޓުން ސޫމްޕީ ގައި ނެރުނު ބަޔާނެއްގައި ލިސާ ކޮވިޑަށް ފައްސިވި ޚަބަރު ވަނީ ޔަގީން ކޮށްދީފައެވެ.

ލިސާ ކޮވިޑަށް ފައްސިވުމާއި އެކު އެޖެންސީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި ސިއްހީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިވެއެވެ. އަދި ލިސާއާއި އެހެން މެމްބަރުންނާއި އަދި މުވައްޒަފުންގެ ހާލު ވަރަށް ރަނގަޅަށް ބަލަމުން ގެންދާނެ ކަމަށް ބުނެފައިވެއެވެ.

ގުރޫޕުގެ އެއްވެސް މަސައްކަތަށް އެއްވެސް ބަދަލެއް އަންނަ ނަމަ އެކަމާއި ގުޅޭގޮތުން ބަޔާނެއް ނެރޭނެއެވެ.

ލިސާ ކޮވިޑަށް ފައްސިވުމާއި އެކު ބްލެކް ޕިންކްގެ ސަޕޯޓަރުން ކަމުގައިވާ ބްލިންކްސް އިން ދަނީ ލިސާއަށް އަވަސް ޝިފާއަކަށް އެދި ޕޯސްޓްތައް ކުރަމުންނެވެ.

ބްލެކް ޕިންކް ގުރޫޕަކީ ދެކުނު ކޮރެޔާގެ ލަވަކިޔާ ބޭންޑުތަކުގެ ތެރެއިން އަންހެން ކުދިންގެ ގުރޫޕު ތަކުން އެންމެ ފާހަގަ ކޮށްލެވޭ އެއް ގުރޫޕެވެ.

ބްލެކް ޕިންކުގެ ބައެއް ލަވަތަކަކީ ''ހަވް ޔޫ ލައިކް ދެޓް''، ''އެސް އިފް އިޓްސް ޔުއާ ލާސްޓް''، ''އައިސްކްރީމް'' ފަދަ ލަވަތައް ހިމެނެއެވެ.