"މިއީ މީގެ 10 ވަރަކަށް އަހަރު ކުރިން މާލޭގައި ހިނގާދިޔަ ހާދިސާއެއް އަސްލެއް ކަމުގައި ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ."

އަހުމަދަކީ އަހަރެންގެ ކުޑައިރުގެވެސް އަދި މިހާރުގެވެސް އެންމެ ގާތް އެކުވެރިޔާއެވެ. އެއް ސުފުރާމަތިން ކައި އެކުގައި ހިޔަންޏެއްހެން އަބަދު ހުންނަ އަހުމަދަކީ އަހަރެންގެ އެންމެ އަރިސް އެއް ރަހުމަތްތެރިޔާއެވެ. އަހަންނަކީ އަބަދުވެސް ވިޔަފާރިއެއް ފެށުމުގެ ވިސްނުން ގެންގުޅެމުން އައި މީހަކީމެވެ. ނަމަވެސް އަހުމަދުގެ ރައުޔު އަހަންނާއި މުޅިން ތަފާތެވެ. އެއީ އޭނާ ބޭނުން ވަނީ ޒުވާން ދުވަސްވަރުގައި މަޖަލުގައި ވަގުތުތައް ހޭދަކުރުމަށް ކަމަށް ވުމުންނެވެ.

އަހަރެމެން ދެމީހުންވެސް ވަޒީފާއަދާކުރަމުން އައީ އެއްކުންފުންޏެއްގައެވެ. ވަކި ޑިޕާޓްމެންޓެއްގައި މަސައްކަތްކުރި ނަމަވެސް މަސައްކަތުގެ މާހައުލުގައިވެސް އަހަރެމެން ދެމީހުންގެ އެކުވެރިކަމާއި ގާތްކަން އޮވެއެވެ.

ކުންފުނީގައި ވަޒީފާ އަދާކުރަމުން އަހަރެން އަމިއްލަ ވިޔަފާރިއެއް ފަށަން ނިންމީމެވެ. އެގޮތުން ވަޒީފާއަދާކޮށްގެން ލިބޭ ފައިސާއިން ރައްކާކުރި ފައިސާއާއި ލޯނުގެ ގޮތުގައި ހޯދި ފައިސާއިން އަމިއްލަ ވިޔަފާރިއެއް ފެށީމެވެ. މާލޭގެ ރަނގަޅު ހިސާބެއްގައި އަންނައުނު ވިއްކާ ކުޑަ ފިހާރައެއް އަހަރެން ހުޅުވީމެވެ. ކުޑަކުދިންގެ އަންނައުނަށް ހާއްސަ އެ ފިހާރައަށް މާލޭގެ ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.

އަހަރެންގެ ވިޔަފާރީގައި އަހުމަދު ބައިވެރިކުރަން އަހަރެން ނިންމީ އޭނާއަކީ އަހަރެން އެންމެ އިތުބާރު ކުރާ އެކުވެރިޔާއަށްވެފައި ކުޑައިރުއްސުރެއް އެކުގައި އުޅެބޮޑުވުމުން އަހުމަދަށް އަހަރެން ކުރާ އިހްތިރާމެއްގެ ސަބަބުންނެވެ. ނަމަވެސް އެއިރު އޭނާއަކީ ވިހައެއް ކަމާމެދަކު އަހަރެން ކުޑަކޮށްވެސް ހިއެއް ނުކުރަމެވެ.

ވިޔަފާރީގައި ލިބުނު ކާމިޔާބީގެ ސަބަބުން ވިޔަފާރި އިތުރަށް ފުޅާކޮށް އިތުރު 2 ފިހާރައެއް މާލޭގައި ހުޅުވީމެވެ. އަދި ވިޔަފާރީގެ 40 އިންސައްތަ ހިއްސާ އަހުމަދަށް އަހަރެން ދިނީމެވެ. އަދި އޭނާގެ މަޖާކުރުމުގެ ވިސްނުން ދޫކޮށް ހަރުދަނާ މީހަކަށް ވުމަށް އަހަރެން ނަސޭހަތްތެރިވީމެވެ. އަހަރެންގެ ނަސޭހަތާއި އެކު އަހުމަދަށް ބޮޑު ބަދަލެއް އައެވެ. އަދި އަހަންނާއި އެއްވަރަށް ވިޔަފާރީގެ ކަންކަމުގައި އުޅެން ފެށިއެވެ. ބައެއް ފަހަރު އަހަންނަށް ނުކުރެވޭ ނުވަތަ ހަނދާން ނެތިފައި ހުންނަ ކަންކަންވެސް އޭނާ ކޮށްދެއެވެ. ހަޤީގަތަށް ބުނާ ނަމަ އަހުމަދުގެ ސަބަބުން ވިޔަފާރި ހަރުދަނާ ވިއެވެ. އަދި ވިޔަފާރި އިތުރަށް ކުރިއަރައިގެން ދިޔައެވެ.

ވިޔަފާރިއަށް ދުވަސްވަމުން ދިޔަ ވަރަކަށް އަހަންނަށް އަހަރެންގެ އަމިއްލަ ދިރިއުޅުމާއި މެދު ވިސްނަން ފެށުނެވެ. އަދި ހަޔާތެއް ފެށުމަށް ނިންމައި އަހަރެން ކައިވެންޏެއް ކުރީމެވެ. އަހަރެން ކައިވެނިކުރީ މާލޭގެ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ ބުރުސޫރަ ރީތި އަންހެން ކުއްޖަކާއެވެ.

ކައިވެންޏަށް ފަހު އަހަރެން އަހުމަދުގެ ކިބައިން އޭނާވެސް ކައިވެންޏެއް ކުރުމަށް އެދުނީމެވެ. ނަމަވެސް ކައިވެނި ކުރުމަކީ އޭނާ މާ ގަޔާވާ ކަމެއް ނޫނެވެ. އެހެންކަމުން އަހުމަދު ބޭނުންވީ ހުސްހަށިބައިކޮށް ހުންނާށެވެ.

އެއް ދުވަހެއްގެ މެންދުރެވެ. އާދައިގެ މަތިން އޮފީސް ކަންކަން ނިންމާލުމަށް ފަހު އަހުމަދު އަހަރެމެން ގެއަށް އައެވެ. އެއިރު އަހަރެންގެ ކައިރީގައި އަހަރެންގެ އަންހެނުން ދިޔާނާވެސް އިނެވެ. އަހުމަދު އައިސް ގެއަށް ވަނުމުން އިށީދުމަށް ބުނެ އަހަރެން ޖާގަ ދެއްކީމެވެ.

ހިނިތުންވުމަކާއި އެކު އަހުމަދު އައިސް ސޯފާގައި އިށީނެވެ. އެއިރު އަހުމަދުގެ ނަޒަރު އަހަރެންގެ އަންހެނުންނަށް ހުއްޓިފައި ހުއްޓެވެ. އަންހެނުންގެ ނަޒަރުވެސް އަހުމަދަށް ހުއްޓިފައިވާ ކަހަލައެވެ. ނަމަވެސް އަހުމަދަކީ އަހަންނަށް ދުވަހަކުވެސް ބޭވަފާތެރިވާނެ މީހެއް ކަމަށް އަހަރެންގެ ޒަމީރު ގަބޫލެއް ނުކުރެއެވެ. އެހެންކަމުން އަހަރެންގެ ސިނކުޑިއަށް އައި ވަހުމްތަކާއި އަހަރެން ދުރުވެ ހަމަޖެހިލީމެވެ.

އެ ދުވަހުގެ ފަހެވެ. އަހުމަދު އާދަޔާ ހިލާފަށް އަހަރެމެންގެއަށް އަންނަން ފަށައިފިއެވެ. އަހަރެން ގޭގައި ނޫޅޭ ވަގުތުތަކުގައިވެސް މެއެވެ. އަހުމަދަށް ހެޔޮކޮށް ހިތުމަށް އަހަރެން އޮންނާނީ އަންހެނުންނަށް އަންގާފައެވެ. އެހެންކަމުން ގެއަށް އަންނަ ގިނަ ފަހަރު އަހުމަދާއި އަހަރެންގެ އަންހެނުން ވާހަކަ ދައްކާ ހިލާޔު ބަދަލުކޮށް ހަދާނެއެވެ. ނަމަވެސް އެހެން އުޅުމުގެ ތެރޭގައި އަހަރެންގެ އަންހެނުން އަހުމަދަށް ލޯބި ޖެހިދާނެ ކަމަށް އަހަރެން އުންމީދެއް ނުކުރަމެވެ.

ދުވަސްގަނޑެއް ފަހެވެ. އަހުމަދުގެ އުޅުމަށް ބޮޑު ބަދަލެއް އަޔެވެ. އަހަންނާއި އަހުމަދާއި އޮންނަ ގުޅުން ހީނަރުވާ ކަހަލަގެ އިހްސާސެއް އަހަންނަށް ކުރެވެން ފަށައިފިއެވެ. ބައެއް ފަހަރު އަހުމަދު ހުންނަނީ އަހަރެން ދެކެ ރުޅި އައިސްފައޭވެސް ހީވާ ކަހަލައެވެ. އަދި ބައެއް ފަހަރު އަހުމަދުގެ މޫނުމަތީގެ ކުލަވަރުން އެކަން ކަށަވަރުވާ ކަހަލައެވެ.

އަހުމަދުގެ އުޅުމަށް އައި ބަދަލާއި މެދު އަހަންނަށް ފުންކޮށް ވިސްނެން ފެށިއެވެ. އަދި އެކަމަކާއި ހުރެ އަހަރެންގެ ސިނކުޑި ސުމަކަށް ދާން ފެށިއެވެ. އެންމެ ފަހުން އަހަރެން ނިންމީ އަހުމަދު ކައިރިން އެހުމަށެވެ. ވުމާއި އެކު އަހުމަދު ކައިރިން ވެގެން އުޅޭ ގޮތެއްް އަހަރެން އެހީމެވެ. ނަމަވެސް އަހުމަދު ދިނީ ފިނި ޖަވާބެކެވެ.

"ތީ ހަސަނަށް ހީވާ އެއްޗެއް.. ހަމަ ހުރިހާ ކަންކަންވެސް އޯކޭ" ހިނިތުންވެލުމާއި އެކު އަހުމަދު ޖަވާބު ދިނެވެ.

އަހުމަދުގެ ޖަވާބާއި އެކު އަހަންނަށް ހަމަޖެހިލެވުނެވެ. އަދި އަހުމަދާއި އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އެކުގައި ރޭގަނޑުގެ ކެއުމަކަށް ދިޔުމަށް އަހަރެން ނިންމީމެވެ.

ހުކުރު ދުވަހެވެ. އަހަރެން ތައްޔާރުވީ ޒަމާންވީ އެކުވެރިކަމަށް އިތުރު ބޮޅެއް އިތުރުކުރުމަށެވެ. ރީތި ވެލައިގެން އަހަރެން ގެއަށް ނުކުމެ ޕާކު ކޮށްފައި ވާ ސައިކަލާއި ދިމާއަށް ހިނގައިގަތީމެވެ. ހަމަ އެހިނދެވެ. މޫނު ނިވާކޮށްގެން ތިބި ދެމީހަކު އަހަރެން ވަށާލިއެވެ. އަދި އެމީހުންގެ އަތުގައި ހުރި ހަތިޔާރުން އަހަންނަށް ހަމަލާދިނެވެ.

އަހަންނަށް ހަމަހޭވެރިކަން ވީއިރު އަހަރެން އޮތީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައެވެ. ކައިރީގައި އަންހެނުންނާއި އަހުމަދުގެ އިތުރުން ފުލުހުންގެ ދެމީހަކު ހުއްޓެވެ. އަހަރެން ހޭ އެރުމާއި އެކު އެ ދެ ފުލުސް މީހުންވެސް ދިޔައެވެ. އިރުކޮޅެއް ފަހެވެ. ޑްކްޓަރ ރިޕޯޓްތަކެއް ހިފައިގެން އަޔެވެ. އަދި އަހުމަދުގެ މޫނާއި އަހަރެންގެ އަންހެނުންގެ މޫނަށް ބަލާލުމަށް ފަހު އަހަރެންގެ އުނަގަނޑުން ތިރިން ވާގި ގޮސްފައިވާ ކަމަށާއި އަލުން ރަނގަޅުވެ އާންމު ހާލަތަށް އައުމަށް ގިނަ ދުވަސް ނަގާނެ ކަމަށް ބުންޏެވެ.

ހޮސްޕިޓަލުގައި 10 ދުވަހު ހޭދަކުރުމަށް ފަހު އަހަރެން ގެއަށް ބަދަލުކުރެވުނެވެ. އެއިރުވެސް އަހަންނަށް އަމިއްލަ ބާރުގައި ކޮޅަށް ނުހުރެވެއެވެ. އަހަރެން މިއަދު މިވަނީ ނުކުޅެދޭ މީހަކަށް ވެފައެވެ. މިލިއަނުން ފައިދާވާ ވިޔަފާރިއެއް އޮތް އިރު ވިޔަފާރީގެ ކަންކަމާއިވެސް މިއަދު އަހަންނަކަށް ނޫޅެވެއެވެ. އެހެންކަމުން ވިޔަފާރީގައި އަހަންނަށް އޮތް ހިއްސާ އަންހެނުންނާއި އަހުމަދަށް ހަމަހަމައަށް ބަހާލީމެވެ. އެއީ ދުވަހަކުވެސް އެ ދެމީހުން އަހަންނަށް ބޭވަފާތެރިނުވާނެ ކަމުގެ ޔަގީންކަން އޮތީމައެވެ.

ނަމަވެސް ކަންތަށްވެގެންދިޔައީ އަހަރެން ހީކުރި ހީކުރުމާއި ހިލާފަށެވެ. އަހަރެން ޕެރެލައިޒްވި ފަހުން އަހަރެންގެ އަންހެނުންނާއި އަހުމަދުގެ ގުޅުން ދިޔައީ އިތުރުވަމުންނެވެ. އަހުމަދު އަހަރެންގެ ގެއަށް އަންނަލެއް ކުރިއަށްވުރެއްވެސް އިތުރެވެ.

މިގޮތަށް އައިސް އުޅުމުގެ ތެރޭގައި އެއްދުވަހަކު އަހުމަދަށް ގެއިން ބޭރަށް ދެވުނީ އޭނާގެ މޯބައިލް ފޯނު އަހަރެމެންގޭގައި ޗާޖަށް ޖެހުމަށް ފަހުއެވެ. އަހުމަދު ބޭރަށް ދިޔަތާ މާ ގިނަ އިރެއް ނުވެ ސޭވް ނުކޮށް އިން ނަންބަރަކުން ގުޅިއެވެ. ދެތިން ފަހަރަކު ގުޅުމުން އަހަރެން ފޯނު ނެގީމެވެ. ފޯނު ކަންފަތުގައި ޖެއްސުމާއި އެކު އެކޮޅުން ދިނީ އިންޒާރެކެވެ. އެކޮޅުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ފައިސާ ނުދީފި ނަމަ ފަޅާ އަރުވާލާނެ ކަމަށެވެ. ނަމަވެސް ކޮން ކަމެއްކަމެއް ނުބުނެއެވެ.

އޭގެ އިރުކޮޅެއް ފަހެވެ. އަހުމަދު އައިސް ގެއަށް ވަނެވެ އެއިރު އޭނާގެ އަތުގައި ކުޑަވަރެއްގެ ފޮއްޓެއް އޮތެވެ. ހާސްވެފައި ހުރި އަހުމަދު ގެއަށް ވަދެގެން އައި ގޮތަށް އައިސް ޗާޖަށް ޖަހާފައި އޮތް ފޯނު ނެގުމަށް ފަހު ނަންބަރަކަށް ގުޅިއެވެ. އަދި މިދަނީއޭ ކިޔާ ފޯނު ބޭއްވުމަށް ފަހު ގެއިން ނުކުތެވެ.

އަހުމަދުގެ އަމަލުތަށް ހުރި ގޮތުން އަހަންނަށް ހަމަލާދިނީ އަހުމަދު ގެ ރޭވުމަކުން ކަމަށް އަހަންނަށް ގަބޫލުކުރެވެން ފެށިއެވެ. އެހެންކަމުން އަހުމަދަށް ފާރަލުމަށް އަހަރެން މީހަކު ހޯދީމެވެ. އަހުމަދަށް ފާރަލުމަށް އަހަރެން ހޯދި މީހާގެ ކިބައިން އެގުނު ގޮތުގައި އަހަރެންގެ އަންހެނުންނާއި އަހުމަދާއި ވަރަށް ގާތް ގުޅުމެއް އޮވެއެވެ. އަދި އެކުގައި އެކަހެރިކޮށް އުޅުން ފަދަ ކަންކަން ވެސް ކުރެއެވެ. އަދި އަހަންނަށް ހަމަލާދިނީ ސީދާ ރާވައިގެން އަހުމަދު ފަންޑުކޮށްގެން ކަމަށް ހާމަވިއެވެ.

ކާންދިން އަތުގައި ދަތްއެޅީތާއެވެ. ނަމަވެސް އަހުމަދަށް އަހަރެންގެ ހިތް ހެވެވެ. އެހެންކަމުން މިއަދާ ހަމައަަށްވެސް އަހުމަދު ކައިރީގައި އަހަރެން އެވާހަކައެއް ނުދައްކަމެވެ. ނަމަވެސް މިއަދު އަހުމަދު އެވަނީ އަހަރެން އެއްފަރާތްކޮށްފައެވެ. އަހަރެން ބާކީކޮށްފައެވެ. އެ ވެސް ނުކުޅެދޭ މީހަކަށް ހެދުމަށް ފަހުގައެވެ. ބުރަ މަސައްކަތުން ފެށި ވިޔަފާރިއާއި ލޯބިވާ އަނބިމީހާ ފޭރިގަތީ އަހަރެންގެ ކުޑަވެސް ކުށަކާ ނުލައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހުމަދު

    ތީ ކަނޑައެޅިގެން ދޮގެއް، އަހަރެން ރާވައިގެން ކުރިކަމެއްނޫން އެއީކީ

    8
    26
    • ހަސަނު

      ހެޔޮ ނުވާނެ އަހުމަދު އަހަންނަށް ތިވަރުގެ ކެއްސެއް ދޭން. އަހަރެން އަހުމަދަށް ނުކޮށްދެނީ ކޮން ކަމެއް؟ އެންމެފަހުން މަގޭ އަނބިވެސް ކަޓުވާލީއޭ!

      32
      3
    • ޙަސަނުއަމާ

      ވަގެއް ވައްކަންކޮއްފަވެސް ނުބުނާނެ.. އެކަމް މަގޭ ދަރިފުޅަށް އިދެވުނީ އޭކޭ47 އަކާ.. މިވަރުގެ ކުޅަދާނަ ދަނބިދަރިއެއް ނުލިބޭނެ..

      19
      • ހަސަނުބަފާ

        އޭރުވެސް ދަރިފުޅު ކައިރި ބުނިން އަހުމަދަކީ ރަނގަޅު މީހެއް ހެނެއް ހިޔެއް ނުވެޔޭ. ހަމަ ބައްޕަ ބުނި ގޮތަށް ކަންކަން މި ދިޔައީ. ހާދަ ދެރައޭ

        18
  2. އައިޝް

    ހިޔާލީ ވާހަކައަކާ ވައްތަރީ.

    10
    2
  3. ހިތް

    ތިމާ ނޫޅޭ ވަގުތު ހިލޭ ފިރިހެނަކު އަނބިމީހާ ގާތަށް ގެނައުމަކީ ރަނގަޅު ކަމެއް ނޫން

    23
    2
  4. Anonymous

    އަންހެނުންނަށް އިތުބާރު ކުރުނ

    13
    6
  5. އަލިބެއްޔާ

    ތީ ހަމަ ގަސްތުގައި އަންހެނުން ދީފަ ތި އޮތީ..

    16
    1
  6. ދުނިޔެއިޒްދުނިޔެ

    ކާންދިން އަތުގައި ދަތްއެޅީތާއެވެ. ނަމަވެސް އަހުމަދަށް އަހަރެންގެ ހިތް ހެވެވެ.
    މިނަށް ވުރެ ސޭކު މީހުންނަށް ދިމާވާނެ މިކަހަލަ ކަންކަން. ދުނިޔެ އަކީ ދުނިޔެކަން ދަނެގެން އުޅެން ޖެހޭނީ

    20