އެކުއިޑޯރގައި ކައިވެނި ކުރަން ހަފްލާގައި ހުރި ފިރިހެނަކު ހައްޔަރުކޮށްގެން ފުލުހުން ގެންދަން ފެށުމުން، ފުލުހުންގެ ވެހިކަލް ފަހަތުން އަންހެން މީހާ ދާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

ނަން ހާމަކޮށްފައި ނުވާ އެ މީހާ ހައްުޔަރުކޮށްފައި ވަނީ ކައިވެނީގެ ގޮށް ޖަހާލުމަށްޓަކައި އެންމެ ފަހު މަރުހަލާގެ ތެރެއިންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ދަރިންނަށް އެއްވެސް ހަރަދެއް ނުދޭ މައްސަލާގައެވެ.

މިހާރު އާއްމުވެފައިވާ އެ ވީޑިއޯއިން ފެނިގެން ދަނީ ކައިވެނީގެ ހަފްލާ ތެރެއިން ފިރިހެން މީހާ ފުލުހުން ގެންދާ ތަނެވެ. އަދި ފުލުހުންގެ ވެހިކަލްގައި އެ ފިރިހެން މީހާ ބައިންދާތަން އެ ވީޑިއޯއިން ފެނިގެން ދެއެވެ. އަދި އެ ވެހިކަލްގެ ފަހަތުން އަންހެން މީހާ ދުވާ ތަން ފެންނައިރު، ފަހުން އަންހެން މިހާ ވަނީ ވެހިކަލެއްގައި އެ ކާރު ފަހަތުން ގޮސްފައެވެ.

މިރާ ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި އެ ފިރިހެން މީހާ އޭނާ ކުރިން ގުޅުން އޮތް މީހާއެކު އުޅުނުއިރު ލިބުނު ދަރިންނަށް ހަރަދުކޮށްފައެއް ނުވެއެވެ.

އެކަމާއި އެ އަންހެން މީހާ ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އެހެންވެ އެވެ.