މީގެ 30 އަހަރުން ކުރިން ފަޅުވި ސްޕެއިންގެ އަވަށެއް ކަަމަށްވާ އެސެރެޑޯ ވިލޭޖް އަލުން ފެނިއްޖެއެވެ. އެ އަވަށް އަލުން ފެެންނަން ފެށީ ފެންގަނޑުގެ ލޮނުގަނޑު ދަށްވުމާއި ގުޅިގެންނެވެ. މިއާއެކު ގެނބިގެން ދިޔަ ގެތަކުގެ ހަލާކުވެފައިވާ ތަންތަން ހާމަވާން ވަނީ ފަށައިފައެވެ.

1992 ވަނަ އަހަރު ތެރޭގައި އެ އަވަށުގައި ދިރިއުޅުނު އެތައް ހާސް ބަޔަކު އެ އަވަށް ދޫކޮށް ދާން ޖެހުނީ އެ މީހުންގެ ސަލާމަތަށެވެ. އެ މީހުން ދާން ޖެހުނީ ޕޯޗުގީޒް ހައިޑްރޯއިލެކްޓްރިކް ޕްލާންޓަކުން ގޭޓްތައް ބަންދު ކުރުުމުން ލިމްޔާ ކޯރުގެ ފެންބޮޑުވެ ވަށައިގެންވާ ސަރަހައްދުގެ ބިންތަކާއި އިމާރާތްތަކުގައި ފެންބޮޑުވާން ފެށުމުންނެވެ.

އުރެންސޭ ޕްރޮވިންސްގެ ފަސް ވިލެޖެއްގައި އުޅުނު މީހުން ވަނީ އެ އަވަށް ދޫކޮށް ނުދާން މަސައްކަތްތަކެއްވެސް ކޮށްފައެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވެ، ނަތީޖާއެއްގެ ގޮތުން އެ އަވަށްދޫކޮށް ދާން މަޖުބޫރުވިއެވެ.

އެކަމަކު މިހާރު މިދިޔަ ހޯމަ ދުވަހު އެ އަވަށުގެ ފޮޓޯތައް އާއްމުވެފައިވާއިރު އެ ފޮޓޯތަކުން ފެންނަނީ ފެނުގެ އުސްމިން ތިރިވެ އެ ވިލޭޖްގެ ތަންތަން ހުރި ގޮތެވެ. އެކަމަކު ބޮޑަށް ފެންނަން ހުރީ އިމާރާތްތަކުގެ ކޮންކްރީޓެވެ. ގިނަ އިމާރާތްތަކުގެ ފުރާޅުވެސް ހުރީ ވެއްޓިފައެވެ.

އަދި އެގެތަކުގެ ފާރާއި ކުޑަދޮރުތަކުން ފެނިގެން ދަނީ ފެނުގެ އަޑީގައި ގިނަ ދުވަހު ހުރުމުގެ ސަބަބުން ދަބަރާއި އަދި އެ ނޫންވެސް އެއްޗެހި ޖަހާފައި ހުރި ތަނެވެ.

އަދި ބައެއް މީހުން އެ އަވަށަށް އަރައި އެ އަވަށުގެ ހާލަތު ބަލާފައިވެއެވެ. އެގޮތުން އެ ސަރަހައްދުން ކާރުތަކާއި، ގެތަކުގައި ހުރި ބައެއް ފަރުނީޗަރުތައްވެސް ފެންނަން ހުރި ކަމަށް ވެއެވެ.