އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަހްތާއި މިވަގުތު އެންމެ ކައިރީގައި ހުންނެވި ޕްރިންސް ޗާލްސް އާއި ޕްރިންސެސް ޑަޔާނާގެ ކައިވެނި ރޫޅުނުތާ 30 ވަރަކަށް އަހަރު ވާން ކައިރިވާއިރު އަދިވެސް ޖަވާބު ނުލިބޭ، ބަހުސް ބޮޑު ސުވާލެއް އޮވެއެވެ. އެއީ ދެބޭފުޅުންގެ ތެރެއިން ފުރަތަމަ ބޭވަފާތެރިވީ ކާކު ހެއްޔެވެ؟ ޑަޔާނާ އެހެން މީހަކާއި ލޯބީގެ ގުޅުމެއް އުފެއްދީ ޗާލްސް، މިހާރުގެ އަނބިކަނބަލުން ކަމެއްލާ އާއި ލޯބީގެ ގޮތުން ގުޅުމުން ހެއްޔެވެ؟

1997 ވަނަ އަހަރު ކާރު އެކްސިޑެންޓެއްގައި ޑަޔާނާ އަވަހާރަވުމުގެ ކުރިން ވެސް ޑަޔާނާ އާއި ޗާލްސްގެ ގުޅުން ކެނޑެން މެދުވެރިވި ސަބަބާއި ގުޅޭ ގޮތުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާފައި ވެއެވެ. ނަމަވެސް ކުރިން ބޭވަފާތެރިވީ ކާކުކަން ސީދާ ޑަޔާނާ ވިދާޅެއް ނުވެއެވެ.

އެކަމަނާގެ އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ "މިކައިވެނީގެ ތެރޭގައި ތިން މީހުން އެބައުޅޭ. އެހެންވެ މާބޮޑަށް އުނދަގޫވާތީ އަހަރެން އެއްފަރާތަކަށް ޖެހިލީ." ކަމަށެވެ.

ގިނަ ބައެއްގެ މަގުބޫލްކަން ހޯދާފައިވާ ނެޓްފްލިކްސްގެ ޑްރާމާ ސީރީސް "ދަ ކްރައުން" ގައި ބުނެފައިވާ ގޮތުގައި ޑަޔާނާ ޗާލްސް ފިޔަވައި އެހެން މީހަކާއި ލޯބީގެ ގުޅުމެއް ބޭއްވީ ޗާލްސް، ކަމިއްލާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަން އެނގުނު ފަހުންނެވެ.

ނަމަވެސް އިއްޔެ ޑަޔާނާގެ ބޮޑީގާޑެއް ކަމަށްވާ ރިޗާޑް އެޑެން އިނގިރޭސިވިލާތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޗާލްސް ބޭވަފާތެރިވުމުގެ ކުރިން ޑަޔާނާ ވަނީ އެކަމަނާގެ ބޮޑީގާޑެއް ކަމަށްވާ ބެރީ މެނާކީ އާއި ލޯބީގެ ގުޅުމެއް ބާއްވާފައި ކަމަށެވެ.

ރިޗާޑްގެ ވާހަކަ ގަބޫލު ކުރެވޭނެ އިތުރު ހެއްކެއް ނެތެވެ. ބެރީ ވަނީ 1987 ވަނަ އަހަރު ސައިކަލް އެކްސިޑެންޓެއްގައި މަރުވެފައެވެ. އޭރު ވެސް ކައިވެނިކޮށް ދެކުދިން ލިބިފައިވާ ބެރީ މަރުވުމުގެ ކުރިން ޑަޔާނާ އާއި ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ރިޗާޑް ބުނީ ވެސް އިތުރު ހެއްކެއް ދެއްކުމެއް ނެތިއެވެ.

ކޮންމެއަސް އަދިވެސް ޑަޔާނާ އާއި ޗާލްސްގެ ގުޅުން ގޯހުން ގޯހަށް ގޮސް ދެމަފިރިން ވަރިވާން ޖެހުނު ފުރަތަމަ ސަބަބު އޮތީ ކަށަވަރު ނުވެއެވެ. ދުވަހަކު ވެސް މިކަން ކަށަވަރު ވެދާނެ ކަމަކަށް ވެސް ގިނަ މީހުން އުއްމީދެއް ނުކުރެއެވެ.