ވިކީ ކޯޝަލްއާއި ކެޓްރީނާ ކެއިފު އަންނަ މަހު ކައިވެނި ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ އަޑުތައް ވަނީ މީސް މީޑިޔާގައި ފެތުރިފައެވެ.

މި އަޑުތަކަށް އެކި މީހުން ކޮމެންޓް ކުރަމުން ދާއިރު މިކަމާއި ގުޅޭގޮތުން މިފަހަރު ވާހަކަ ދައްކާފައިވަނީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާނެވެ.

ކެޓްރީނާ އާއި ވިކީގެ ކައިވެންޏާއި ބެހޭގޮތުން ސަލީމް ޚާން ދެކޭ ގޮތެއް އެހުމަށް ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައިވަނީ އެކަމާއި ބެހޭގޮތުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

މީސް މީޑިޔާއިން އެކަމާއި ބެހޭގޮތުން ވާހަކަތައް ފަތުރާލާފައިވަނީ އިތުރަށް މީހަކަށް އެކަމާއި ބެހޭގޮތުން އެއްޗެއް ބުނެވެން ނެތް މިންވަރަށް ކަމަށް ވެސް ސަލީމް ބުނެފައިވެއެވެ.

ވިކީއާއި ކެޓްރީނާގެ ކައިވެނީގެ ވާހަކަތަކަކީ މިހާރު މީސް މީޑިޔާގެ އެންމެ ގިނައިން ދެކެވޭ ވާހަކައެވެ.

މީޑިޔާތަކުން ވަނީ މި ކައިވެނި ކުރާނެ ދުވަހާއި ތަނާއި ދައުވަތު ދެވުނު ބައެއް ފަރާތް ތަކުގެ ނަންތައް ވެސް ހިއްސާ ކޮށްފައިވެއެވެ.

ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހު ރާޖަސްތާނުގައި ބޭއްވޭ މި ކައިވެނި ހަފުލާއަށް ފޯނު ނުގެންދެވޭނެ ކަމަށް ބުނެފައިވާއިރު، މިފަދަ އެތައް ވާހަކައެއް ވަނީ މީޑިއާ ގައި ހިއްސާ ކޮށްފައެވެ.

މި ކައިވެންޏާއި ބެހޭގޮތުން ވިކީގެ ކޮއްކޮއެއް ބުނެފައި ވަނީ ވިކީއާއި ކެތްރީނާ ކައިވެނި ކުރަން ނޫޅޭ ކަމަށާއި އެކަހަލަ ކަމެއް އުޅޭނަމަ އެކަން އާއްމުކޮށް އަންގާނެ ކަމަށެވެ.

ވިކީގެ ކޮއްކޮއާއި ސަލްމާންގެ ބައްޕަގެ ވާހަކަތަކުން މި ކައިވެނި ކުރުމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.