އިންޑިއާގައި އުމުރުން 12 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ފުއްޕާމޭގައި ތާށިވި ފުމޭ ކަށިގަނޑެއް ނަގައިފިއެވެ.

ކޮލްކަތާގައި ދިރިއުޅޭ ރައިހާން ލަސްކަރު އަށް ފުމޭ ކަށިގަނޑެއް ކާލެވުނީ ޕޮޓޭޓޯ ޗިޕްސް ކަމުން ގޮސް އޮޅިގެން ޗިޕްސްކޮޅެއް ކަމަށް ހިތަށް އަރައިގެންނެވެ. އެ ކުޑަ ކުއްޖާ އަށް ފުމޭ ކަށިގަނޑު ދިރުވާލެވިފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އޭރުއްސުރެ މި ކަށިގަނޑު އިނީ ކުއްޖާގެ ފުއްޕާމޭގައި ތާށިވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ކުއްޖާ ވާހަކައެއް ބުނަން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު އެ ކަށިގަނޑު ފުމުމުން ގޮވާ އަޑު އަނގައިގެ ތެރެއިން ނުކުންނަ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

"ފިރިހެން ކުއްޖާގެ ބެލެނިވެރިންނަށް ވެސް ފާހަގަ ކުރެވިފައެއް ނުވޭ އެ ކުއްޖާ އަށް އުނދަގުލެއް ކުރިމަތިވާ ކަން. އެކަމަކު، އެއް ދުވަހު ގެއާ ކައިރީގައި އޮންނަ ފެންގަނޑަކަށް ފަތަން އެރިފައި މިނެޓެއް ވަންދެން ވެސް މޫނު އަޑިއަށް ލައިގެން ނޯވެވިގެން އުޅޭތަން މައިންބަފައިންނަށް ފެނުނީ. އެ ކުއްޖާ އަށް އުނދަގޫތަކެއްވެ، މެއަށް ތަދުވާ ކަމާއި ނޭވާލުމަށް ދަތިތަކެއް ހުރި ކަން އެނގުނީ،" ރައިހާންގެ އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރު ކިޔައި ދިނެވެ.

އެ ކުއްޖާ އަށް ނޭވާލާން އުނދަގޫވުމާ ގުޅިގެން ގެންދިޔައީ ނެޝަނަލް މެޑިކަލް ކޮލެޖް ހޮސްޕިޓަލަށެވެ. އެކަމަކު، އެ ތަނުގައި ތިބި ޑޮކްޓަރުންނަށް އެހީއެއް ނުވެވުނެވެ.

"މެޑިކަލް ކޮލެޖަށް ދިޔައީމަ އެތަނުގައި ތިބި ޑޮކްޓަރުން ބުނި އެތަނަކުން އެކަމެއް ނުވާނެއޭ. އޭރު ދަރިފުޅުގެ ހާލު ވަރަށް ބޮޑަށް ގޯސްވަމުން ދިޔައީ. އެހެންވެ ބަރޫއިޕޫރްގައި ހުންނަ ޑޮކްޓަރަކަށް ދައްކައިގެން އެނގުނީ އިންފެކްޝަން އުފެދުނު ކަމަށް. ޑޮކްޓަރު ލަފާ ދިނީ އެސްއެސްކޭއެމް ހޮސްޕިޓަލަށް،" ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައިހާންގެ އޮޕަރޭޝަން ކާމިޔާބުކޮށްދިނީ ޕްރޮފެސަރެއް ކަމަށްވާ އަރުނާބާ ސެންގުޕްތާއެވެ.

އެ ޑޮކްޓަރު ކިޔައި ދިން ގޮތުގައި އެކްސްރޭ އާއި ސީޓީ ސްކޭން ހަދައިގެން ފުރަތަމަ ބެލީ ކުއްޖާގެ ފުއްޕާމޭގައި އެ ކަށިގަނޑު ތާށިވެފައި އިން ހިސާބެވެ. އޭގެ ފަހުގައި އެ ކުއްޖާގެ ހާލު ރަނގަޅު ކުރަން ބޭސް ދިނެވެ. ސާޖަރީ ހަދައިގެން އެ ކަށިގަނޑު ނެގީ އޭގެ ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޓިކް

    ޢެނގޭމީހަކާދިމާވިކަންތިއީ ތިކުއްޖާ ސަލާމަތްވީ ﷲގެ މިންވަރުފުޅުން.