އޮސްޓްރޭލިއާއަށް ނިސްބަތްވާ ފިރިހެނަކު ގެއިން ބޭރަށް ނުކުންނަން ބިރުގަނެފައި ވަނީ ރުޅި އައިސްފައިވާ ދޫންޏެއްގެ ސަބަބުންނެވެ. އެ ދޫނި ހުރީ އެ ގޭގެ ދޮރު މަތީގައެވެ. ކޮންމެ ފަހަރަކު އޭނާ ބޭރަށް ނުކުންނަން އުޅޭއިރަށް އެ ދޫނީ ރުޅި ދައްކާލައެވެ. އެ މަންޒަރު ސީދާ އޭނާގެ ގޭގެ ބިއްލޫރި ދޮރުންވެސް ފެނެއެވެ.

އެ މީހާ ވަނީ އެ މަންޒަރުގެ ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ. އޭނާ ބުނީ އެ ދޫނީގެ ސަބަބުން އަމިއްލަ ގޭގައި ރަހީނުވެފައި ހުންނަން ޖެހިފައިވާ ކަމަށެވެ.

https://youtu.be/c5t4030M2vc

ދޫނި އޭގެ ފިޔަތައް ފުޅާކުރެއެވެ، އަދި އޭތީގެ އަޑު ނެރެ ރުޅި ދައްކާލައެެވެ.

ޑެއިލީ މެއިލްގައިވާ ގޮތުން މި ދޫންޏަކީ އޮސްޓްރޭލިއާގެ ވަށައިގެން އުޅޭ ދޫންޏެކެވެ. އަދި މި ދޫނި އޭގެ ފިޔަތައް ފަތުރައި އަޑުގަދަ ކުރަނީ އެހެން ޖަނަވާރުން އެ ދޫނީގެ ހާއްޔަށް ވަދެނުދިނުމަށް ކަމަށް ބުނެފައި ވެއެވެ.

2017 ވަނަ އަހަރު ތެރޭގައިވެސް މިފަދަ ދޫންޏަކަށް އާއްމުންގެ ސަމާލުކަން ލިބުނެވެ. އެ ފަހަރު އެ ދޫންޏަށް ސަމާލުކަން ލިބިފައި ވަނީ އަމިއްލަ ސޫރަ އެ ދޫންޏަށް ފެނިގެން އުޅުނު ގޮތުންނެެވެ. އެ ފަހަރުގެ ވީޑިއޯވެސް ވަރަށް ބޮޑަށް ދައުރުވެ އެތައް ބައެއްގެ ސަމާލުކަން ލިބުނެވެ.