ބޮޑު އޮޕަރޭޝަނެއްކޮށް، ސީރިއާ އަންހެނެއްގެ ފުރަމޭއިން ޓޫތްޕިކް އެއް ނަގައިފިއެވެ.

ޒުވާން އުމުރުގެ އެއަންހެން މީހާގެ ފުރަމޭއިން އޮޕަރޭޝަނެއް ކޮށްގެން ޓޫތްޕިކެއް ނަގާފައިވަނީ ސީރިއާގެ ވެރިރަށް ޑަމަސްކަސްގައި ހުންނަ ހޮސްޕިޓަލެއްގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމަކުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެއަންހެން މީހާ ވަނީ އެންމެ ފުރަތަމަ ހޮސްޕިޓަލުގެ ކުއްލި ފަރުވާދޭ ކޮޓަރިއަށް ގޮސް ހުން އައިސް ވަރަށް ގަދަޔަށް ބަނޑުގައި ރިއްސާ ކަމަށް ބުނެފައެވެ.

އޭގެ ފަހުން ޑޮކްޓަރުން ވަނީ އަންހެން މީހާގެ އެކްސްރޭ އާއި ސީޓީ ސްކޭނެއް ވެސް ހަދާފައެވެ. އަދި ނަތީޖާ ބެލުމަށްފަހު ޑޮކްޓަރުން ވަނީ އަންހެން މީހާގެ ފުރަމޭގައި ޓޫތްޕިކެއް އޮތް ކަމަށް ބުނެފައެވެ. އަދި ހުން އައިސް ބަނޑުގައި ރިއްސަނީ ވެސް ފުރަމޭގައި ޓޫތްޕިކް އޮތުމުގެ ސަބަބުން ކަމަށް ޑޮކްޓަރުން ވަނީ އޭނާ ކައިރީ ބުނެފައެވެ.

އޭނާގެ ފުރަމޭގައި ޓޫތްޕިކެއް އޮތްކަން އެނގުމާއި އެކީ ޑޮކްޓަރުން ވަނީ ވަގުތުން އޮޕަރޭޝަން ތިއޭޓްރަށް އެއަންހެން މީހާ ގެންގޮސް ޓޫތްޕިކް ނަގާފައެވެ.

އޮޮޕަރޭޝަން ކޮށްގެން އަންހެން މީހާގެ ފުރަމޭން ޓޫތްޕިކެއް ނަގާފައިވާއިރު، މި އޮޮޕަރޭޝަނަށް ހޭދަވެފައިވަނީ ކިތަށް ގަޑިއިރު ކަމެއް ރިޕޯޓްތަކުން ބުނެފައެއް ނުވެއެވެ. އެހެން ނަމަވެސް އޮޕަރޭޝަން ކުރިތާ ދެ ދުވަސް ފަހުން އޭނާގެ ހާލު ރަނގަޅުވުމުން ގެއަށް ދޫކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ސީރިއާ އަންހެނެއްގެ ފުރަމޭއިން ޓޫތްޕިކެއް ނަގާފައިވާއިރު، ދުނިޔޭގެ އެކި ގައުމުތަކުގައި މިފަދަ ހާދިސާތައް ހިނގައިގެން ބޮޑެތި އޮޕަރޭޝަންތައް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި އެފަދަ ހާދިސާތަކުގައި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ ތަކެތި ވެސް ނަގާފައިވާކަން ފަހަގަކޮށްލެވެއެވެ.