ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އެއް ސީރީޒް ކަމުގައިވާ ދެކުނު ކޮރެއާގެ ސްކުއިޑް ގޭމުގެ ޓީމާއި އެކްޓަރުންނަށް، ނެޓްފްލިކްސްގެ ފަރާތުން އަނެއްކާ ވެސް ބޯނަސްއެއް ދީފިއެވެ.

''ބްލޫމްބާގް ނިއުސް'' ގެ ރިޕޯޓްގައިވާ ގޮތުން ސްކުއިޑް ގޭމު ކާމިޔާބު ސީރީޒަކަށް ހެދުމަށް މަސައްކަތް ކުރީ ޑުރާމާގެ ޓީމަށާއި އެކްޓަރުންނަށް ބޯނަސްއެއް ދީފައިވެއެވެ.

ބޯނަސްގެ ގޮތުގައި ދީފައިވަނީ ކިހާވަރެއް ކަމެއް ނެޓްފްލިކްސްއިން ހާމަ ކޮށްފައެވެ.

ސްކުއިޑް ގޭމު އުފެއްދުމަށް ހޭދަކޮށްފައިވަނީ 21 މިލިއަން ޑޮލަރެވެ. ނަމަވެސް މި ޑުރާމާއިން ފައިދާގެ ގޮތުގައި ލިބިފައިވަނީ 900 މިލިއަން ޑޮލަރު ކަމަށް ވެސް ރިޕޯޓް ތަކުގައިވެއެވެ.

މި ބޯނަސް ދީފައިވަނީ އެމީހުންގެ އަގު ވަޒަން ކުރުމަށާއި ކޮށްފައިވާ މަސައްކަތް ބަލައިގަތް ކަމުގެ ހެއްކެއްގެ ގޮތުން ކަމަށް ވެސް ބްލޫމްބާގްގެ ރިޕޯޓްގައިވެއެވެ.

ސްކުއިޑް ގޭމުން ލިބުނު ފައިދާ ބޮޑު ނަމަވެސް ފިލުމު ޕްރޮޑިއުސް ކުރި ފަރާތާއި އެކްޓަރުންނަށް އެއިން ފައިދާއެއް ނުލިބޭ ކަމަށާއި ނަމަވެސް ހުރިހާ ފައިދާއެއް ވެފައިވަނީ ނެޓްފްލިކްސްއަށް ކަމަށް ވެސް މި ރިޕޯޓްގައި ބުނެފައިވެއެވެ.

ސްކުއިޑް ގޭމަކީ ންޓްފްލިކްސްގެ އެންމެ ކާމިޔާބު އަދި ނެޓްފްލިކްސްއަށް އެންމެ ބޮޑު ފައިދާއެއް ހޯދައިދިން އެއް ސީރީޒެވެ.

މި ސީރީޒަށް ލިބިފައިވާ ކާމިޔާބީގެ ސަބަބުންނާއި ސަޕޯޓަރުންގެ އެދުމުގެ މަތިން ސްކުއިޑް ގޭމު ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ހުވަން ޑޮންގް ހުއަކް ބުނެފައިވަނީ މި ސީރީޒްގެ ދެވަނަ ބައެއް ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށެވެ. މިއީ ސްކުއިޑް ގޭމުގެ ސަޕޯޓަރުންނަށް ލިބުނު އުފާވެރި ޚަބަރެކެވެ.